ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަކުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުއްލި ސިއްހީ ހާލަތްތަކުގައި ފަރުވާ ދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހާއްސަ ގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން އަތޮޅު ތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމު ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ވެސް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިމަޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެ ގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރު ކުރެއްވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް ވެސް އެމަނިކުފާނު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މިހާރު ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް ރަނގަޅު ކުުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހިޔާލުތައް ދެއްވައިފައިވާ ކަމަށެވެ. އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ހައްލުކޮށް އަވަސް ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމު ކަން ބައިވެރިން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ ނުރައްކާއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރިފަހުން އާންމު ސިއްހަތުގެ ދާއިރާއަށް ދެވޭ ސަމާލުކަން ކުޑަވެ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން ނޫނީ ސިއްހީ ފަރުވާއަށް ވާސިލު ނުވެވިގެން ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން