ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި، ކުރީގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.

ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށް މީގެ ކުރިން ދަށު ކޯޓުން ވެސް ވަނީ ނިންމާފައެވެ. ކޯޓުން އެފަދައިން ނިންމާފައިވަނީ ދިން މުއްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަހަޅުއްވާފައި ނެތުމުންނެވެ. އެހެންވެ، ދައުލަތުގެ ހުށަހެޅުންތައް ވެސް ކޯޓުން ބަލައެއް ނުގަތެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް މިދިޔަ ހަފްތާގައި ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން މިއަދު ވަނީ ނިންމާފައެވެ.

އިސްތިއުނާފު މައްސަލައާއިއެކު، އެ މައްސަލަ ނިމެންދެން އާރަށުގެ މައްސަލަ މަޑު ޖައްސާލުމަށް ވެސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގެންފައިވެއެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ އަޙްމަދު ޝަކީލް ނިންމެވީ، އެ މައްސަލަ މަޑުޖައްސާލަން ހައިކޯޓުގެ އަމުރެއް ނެތުމުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ، 2015 ވަނަ އަހަރު ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށާއި އެ ފައިސާ ޔާމީން ރައީސް ކަމުގައި ހުންނަވައިގެން ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އިބްތިދާއީ މަރުހަލާ ނިމި، ޔާމީންގެ މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، މި މަހު ހެކިބަސް ނަގައި ނިންމާލާނެއެވެ. އަދި ހުލާސާ ބަޔާން އޮގަސްޓް މަހު އިއްވާ، 30 ދުވަހުގެތެރޭގައި ހުކުމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން