ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ކ)
ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ކ)
ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ސަރުކާރު ފިއްތާލުމަށް ޖާގަ ނުދެއްވާނެ ކަމަށް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަޙުސްގައި މެންބަރު ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން ބަދަލުކުރުމުގައި ނުސީދާ ހަތިޔާރެއްގެ ގޮތުން އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާޙު ކަމަށެވެ. އެގޮތުން ދަޢުލަތުގެ މާލިއްޔަތުން ޚަރަދުކުރުމަށް ސަރުކާރަށް އޮތް ބާރުވެރިކަން މަޖިލީހަށް ނެގިކަން ސަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލީސް ބޭނުންކޮށްގެން މިސަރުކާރަށް އެފަދަ ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ސަލީމް މިއަދު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިސަރުކާރުން ފާއިތުވީ 3 އަހަރު ދަޢުލަތުގެ މާލީ ނިޒާމް ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެގޮތުން މިސަރުކާރުން ފަސް ފަހަރެއްގެ މަތިން ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެސްފައިވަނީ ހެޔޮ ބަދަލުތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންގެ މަޤްސަދަކަށް ވާންޖެހޭނީ މަޖިލީސް ބޭނުންކޮށްގެން ސަރުކާރަށް ދުއްތުރާކޮށް އުނދަގޫކުރުން ނޫންކަމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ސަރުކާރަށް ފަހިކޮށްދިނުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"މި ސަރުކާރު ހިނގަންޖެހޭނެ. ހިންގުމަށް ފަސޭހަވެސް ކޮށްދޭން ޖެހޭނެ. މިގޮތަށް ނުސީދާގޮތަށްކުރާ ދުއްތުރާތަކަށް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭލާ ބަލައިގެން." ސަލީމް ވިދާޅުވިއެވެ.

ސަލީމް މިއަދު ވިދާޅުވީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިިސާއާ ގުޅިގެން ތަކެތީގެ އަގުބޮޑުވަމުންއަންނަ ކަމަށާއި ނަމަވެސް އެކަން ދިވެހި ރައްޔިތުންނަށް އިޙްސާސްވާ މިންވަރު ކުޑަ ކަމަށެވެ. އެގޮތަށް އެކަން މެދުވަރިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން ގެންގުޅޭ ދެފުށްފެންނަ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުންކަމަށް ސައްލެ ވިދާޅުވިއެވެ.

"މިދަތި ޙާލަތުގައި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭނެ. ޙައްޤު ގޮތުގައި ބަހެއް ބުނުން އެއީ މައްސަލައަކަށް ވެގެން ނުވާނެ ޢިއްޒަތްތެރި ރައީސް." ސަލީމް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު