ރައީސް ޞާލިޙް އާއި މިނިސްޓަރ އަސްލަމް
ރައީސް ޞާލިޙް އާއި މިނިސްޓަރ އަސްލަމް
2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދުކުރަށްވާނެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު އިޢުލާނުކުރަށްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާނެކަން ދަޢުލަތުގެ ވަޒީރުން މިއަދު ގެންދަވަނީ އިޢުލާނު ކުރަށްވަމުންނެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ އާއި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީވެސް މިއަދުވަނީ ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާކަން އިޢުލާނު ކުރަށްވާފައެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ 2023ގެ އިންތިހާބަށް ނިކުންނަވާނެކަމަށް ބެލެވޭ ލީޑަރުންގެ ތެރޭގައި ރައީސް ޞާލިޙް ފިޔަވައި ހެޔޮ ވެރިކަމެއް ކުރެއްވޭނެ، އަހުދުމަތީގައި ދެމި ހުންނެވޭނެ ވެރިއަކު ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެގެން ރައީސް ޔާމީން ކުރެއްވި ވެރިކަން އިއާދަވާން ބޭނުން ނުވާކަަމަށްވެސް އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއީ އަސްލަމް ބައިވެރިވެ ވަޑައިގަންނަވާ ދެވަނަ ވެރިކަން ކަމަށާއި ފެނުނު މަންޒަރުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދަންނަވާނަމަ ވާދަވެރި އިންތިހާބުތައް ބާއްވަން ފެށިފަހުން އެންމެ އަނިޔާވެރިކޮށް ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާޢީދު ކުރަށްވާނެ ކަމަށް އަސްލަމް މިއަދު ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އަސްލަމްވަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސްޕީޑަށް ބަލާއިރު މިހާތަނަށް ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މި ފަސްއަހަރުގެ އިތުރަށްވެސް ވެރިކަމުގައި ހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

"މި މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެންގެ ޓްރެކް ރެކޯޑަށް ބަލާފައި އަޅުގަނޑަށް ޔަޤީން ރައީސް ހުންނަވާނެ. ތަރައްޤީވެފައިވާ ޤައުމަކާ ކައިރިވާ ހިސާބަށް ގެންދިއުމަށް މަނިކުފާނު އިރާދަކުރެއްވިއްޔާ މި ފަސްއަހަރަށްވުރެ އިތުރަށް އަދި ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ." އަސްލަމް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު