ގަލޮޅު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުالله
ގަލޮޅު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުالله
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި މެންބަރުންނަށް ބަޙުސްކުރުމަށް ފުރުސަތު ނުދީ ނިންމާ ނިންމުންތަކަށް ތަބާ ނުވާނެކަމަށް ގަލޮޅު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މެންބަރު އީވާ ޢަބްދުالله ވިދާޅުވީ ޑިމޮކްރަސީގައި މެޖޯރިޓީން މައިނޯރިޓީގެ އަޑުއަހާނެ ކަމަށާއި މައިނޯރިޓީގެ އަޑުއިއްވުމަށް ފުރުސަތުވެސް ދޭނެ ކަމަށެވެ. އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން އޭނާ މަޖިލީހަށް ހޮވާފައިވަނީ ބަހުސް ކުރުމަށް ކަމަށާއި އެޅިހާބަތަކަށް ރިހަވާން ނޫންކަމަށް އީވާ މިއަދު ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބަހުސްކުރުމަށް ޖާގަނުދީ އަންގާ އެންގުންތަަކަށް ތަބާނުވާނެ ކަމަށެވެ. އަދި އެކަމާގުޅިގެން ފިޔަވަޅުއެޅިނަމަވެސް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށްް އީވާ ވިދާޅުވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ އަސާސަކީވެސް މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާއި ބަހުސަށް ޖާގަ ބަންދުކުރުން ނޫން ކަމަށްވެސް އީވާ ވިދާޅުުވިއެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ،" އީވާ ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމުގެ މައްސަލާގައި ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ގޮތާ އެއްގޮތަށް ކުރިއަށް ދެވެން ނެތްކަމަށް އެމްޑީޕީގެ ޕީޖީގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް 18 މެންބަރު ވަނީ ތާޢީދު ކުރަށްވާފައެވެ. އެމެންބަރުންގެ ތެރޭގައި އީވާވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް ވިދާޅުވީ ޕީޖީގެ ވިޕްލައިނާ ދެކޮަޅަށް ތެދުވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ހުތުރު އަމަލެއް ކަމަށާއި އެގޮތަށް އަމަލުކުރާ މެންބަރުންނާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އެ ޢަމަލުފުޅަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށާއި ވަކި ފެކްޝަން ހައްދަވައިގެން ވަކި ގޮތަކަށް އަމަލު ކުރައްވަން އުޅުއްވުމުން ބައެއް ފަހަރު ނާކާމިޔާބުވެސް ވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު