ލ. މާމެންދޫ ބަނދަރު މަތި؛ މާލެސިޓީ ލޮކްޑައުންގެ ސަބަބުން ތާށިވެފައި ތިބި މީހުން ރަށުގައި ކަރަންޓީންވާން ރަށަށް ދެވޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި (ރަސް ފޮޓޯ)
ލ. މާމެންދޫ ބަނދަރު މަތި؛ މާލެސިޓީ ލޮކްޑައުންގެ ސަބަބުން ތާށިވެފައި ތިބި މީހުން ރަށުގައި ކަރަންޓީންވާން ރަށަށް ދެވޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި (ރަސް ފޮޓޯ)
މާލޭ ސިޓީގެ ލޮކްޑައުން ކުރުމާއި ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރާ މުއްދަތު 24 ދުވަސް ކަމަށް ކަނޑައަޅައި ރަށްރަށުގައި މީހުން ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް އެޗްޕީއޭ އިން އެކުލަވާލައި އެ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ މި އުސޫލުގައި ބުނެފައިވަނީ ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށް އުސޫލުގައިވެއެވެ. އެކަން ކަށަވަރު ކުރުމަށްފަހު، ކައުންސިލުން އެދޭ ތަރުތީބުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ލިސްޓް ފޮނުވައިގެން މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމައްސަން ޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

ކަރަންޓީނަށް މީހުން ރަށްރަށަށް ގެންދާނީ ސަރުކާރުގެ ހަރަދުގައި ކަމަށް އުސޫލުގައި ބުނެއެެވެ. އަދި ގޭގައި ކަރަންޓީނުވުމަށް އަންގާނީ 24 ދުވަހަށެވެ. އެ 24 ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެއްޖެނަމަ، އެމީހަކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. ކަރަންޓީނުވުމަށް އެދޭ ގޭގައި 60 އަހަރުން މަތީގެ މީހެއް، މާބަނޑު މީހެއް ނުވަތަ ކިޑްނީގެ ބަލިތައް، ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހަކު ދިރިއުޅޭ ގެއަކަށްވެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެއެވެ.

ކަރަންޓީނު ކުރާ މީހުން ބަހައްޓަން ޖެހޭނީ އެހެން މީހުންނާ ވަކިން، ވަކި ކޮޓަރިއެއްގައި ކަމަށް އުސޫލުގައިވެއެވެ. ކަރަންޓީނު ކުރާ މީހުންނަށް ވަކި ފާހަނާއެއް ވެސް ހުންނަން ޖެހޭއިރު ކަރަންޓީނު ކުރާ މީހުން ބޭނުން ކުރާ ސާމާނު ވެސް ބަހައްޓަން ޖެހޭނީ ވަކިން ކަމަށް އުސޫލުގައި ބުނެއެވެ. މީގެއިތުރުން މީހުން ކަރަންޓީނު ކުރާ ގޭގެއަށް އެއްވެސް މީހަކު ޒިޔާރަތްކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

މީގެއިތުރުން ކަރަންޓީނު ކުރާ ގޭގައި ދިރިއުޅޭ މީހުން، ބަޔަކު ކަރަންޓީނުގައި ތިބޭ މުއްދަތުގައި އެގެއިން ނުކުމެގެން ވެސް ނުވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދު ކުރިއިރު އެކި ބޭނުން ތަކުގައި މާލެއައިސް ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ތާށިވެފައި ތިބިއިރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ރަށްރަށަށް ދިރިއުޅުން ބަދަލު ވުމަށް ބޭނުންވެފައި ތިބި ގިނަ ބަޔަކު ތިބިކަން ފާހަގަކޮށްލެވެއެވެ. މިހާރު މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ގެންގޮސް ކަރަންޓީނު ކުރަނީ އެކަމަށް ޚާއްޞަ ރިސޯޓްތަކުގަ އެވެ. ނަމަވެސް އެކަމަށް ދިގު މުއްދަތެއް ނަގައި ރަށަށް ދިއުން ލަސްވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން