3 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއުގައި ޤާބިލުކަމަށް ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެގޮތުން ޤާބިލްކަމަށް ކޮމިޓީން ލަފާއަރުވާފައިވާ ތ.ގުރައިދޫ، ކުރި، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށާއި، ގދ.ތިނަދޫ، ކޯރަލް، އަލްއުސްތާޛާ ނަޝާޠަތު ޒައީމާ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަދި ހދ.ނޮޅިވަރަން، ހިޔާ، އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރު ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށް 2022 ޖޫން 05 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މި އަހަރުގެ 38 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 4 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛާ ނަޝާޠަތު ޒައީމާ އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރުވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްފައި 02 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރައްވާއެވެ.

ޖޭއެސްސީން ބުނީ އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން