މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު
މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު
ތިލަފުށީގައި އަޅަން ހަމަޖެހިފައި އޮތް ވިޔަފާރި ބަނދަރު މި ސަރުކާރުން ގުޅީފަޅަށް ބަދަލުކުރަން ނިންމީ އުތުރު ތިލަފުށީގައި އަސްކަރީ ބަނދަރެއް ހަދަން ބަޔަކަށް ދީފައިވާތީތޯ ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު ވަރުގަދަ ސުވާލެއް އުފައްދަވައިފިއެވެ.

ގުޅީފަޅަކީ ކޮމާޝަލް ޕޯޓްހަދަން އެންމެ ރަނގަޅު ތަން ނޫން ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ތިލަފުށީގައި ޕޯޓު އަޅަން ނިންމީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިދާ އެންމެ ފުޅާ މިނެއްގައި ނެގުމަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ޕްލޭން ކޮށްފައިވަނީ ތިލަފުށްޓާއި ގުޅީފަޅުގެ އިތުރުން ވިލިމާލެ އާއި މާލެ ހިމެނޭ ގޮތަށް ބްރިޖަކުން ގުޅުމާލުމުގެ ބޭނުމުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.

ތިލަފުށްޓަކީ ބިން އޮތް އަދި ބިން ބޮޑުކުރެވޭނެ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ސައީދު ވަނީ ތިލަފުށީގައި އަޅަން އޮތް ޕޯޓު މި ސަރުކާރުން ގުޅީފަޅަށް ބަދަލުކުރަން ނިންމީ އުތުރު ތިލަފުށީގައި އަސްކަރީ ބަނދަރެއް ހަދަން ބަޔަކަށް ދީފައިވާތީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި އެކަމާއި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމާއި ގުޅުމެއްނ ވޭތޯ ޔަގީންކުރަން ޖެހޭ ކަމުގައި އިދިކޮޅު ކޯލިޝަންގެ މެންބަރު ސަޢީދު ވިދާޅުވެފައި ވެއެވެ.

މުސްތަގުބަލުގައި ދާން ޖެހޭނީ އިންޑަސްޓްރިއަލްއާއި ކޮމާޝަލްގެ އިތުރުން ރެޒިޑެންޝަލް ޒޯނު ކަނޑައެޅިގެން ތަރައްގީ ކުރެވޭނެ ޖާގަ އޮތް ތަރައްގީއަކަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ތިލަފުށީގައި މައި ވިޔަފާރި ބަނދަރު ނޭޅުމަކީ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"މިކަމުން ދޭހަވަނީ ތަރައްގީގެ ވިސްނުން ހުރީ ނޭފަތުގެ ކޮޅާ ހަމައިން ކަން. މިކަން ހުއްޓުވައި ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ގޮވާލަން." ސައީދު ވިދާޅުވިއެވެ.

މިސަރުކާރުން މިހާރު ވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކާ އެތަނުގައި ފޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުހަންމަދު އަސްލަމް ވިދާޅުވީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީ ނުކުރަން މި ސަރުކާރުން ނިންމީ އެތަނަކީ ކުނި ނައްތާލާ ސަރަހައްދަކަށްވާތީ ވިޔަފާރި ބަނދަރެއް އެތާނގައި ތަރައްގީ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ ކަމަށެވެ.

"ގުޅިފަޅަށް މިމަޝްރޫޢު ނިންމުމަށް ހުށައެޅުނު ސަބަބު ތަކަކީ މާލެ ސަރަހައްދުގެ ގްރޭޓަރ މާލޭ އޭރިއާގަ ރާއްޖޭގަ މިހާރު އޮތް އިންޓަރނޭޝަނަލް ޕޯޓްގެ ޖާގަ ބޮޑުކުރަން އަޅުގަނޑުމެންނަށް ޖެހިފައިވާ މިދަނޑިވަޅުގައި މާލެ ކައިރިން އެކަމަށް އެންމެ އެކަށޭނަ ތަނަކަށް އަޅުގަނޑުމެންނަށް ފެނުނު ތަނަކީ ގުޅިފަޅު. އެބޭފުޅުން ސުވާލު ކުރައްވަފާނެ ކީއްވެހޭ ތިލަފުށީގަ އެކަން ނުކުރީ. ތިލަފުށީގަ އެކަން ނުކުރި ސަބަބަކީ، ކޮންމެވެސް ވަރަކަށް ތިލަފުށީގަ މިކަން ކުރުމުގެ ވާހަކަ މީގެ ކުރީގަވެސް ދެކެވިފަ، ވަރަށް ޒަމާންވަންދެން ދެކެވިފަ އޮތް ވާހަކައެއް އެއީ. ތިލަފުށީގަ ނުކުރާ ސަބަބަކީ ތިލަފުށްޓަކީ ކުނި ނައްތާލާ ތަނަކަށް ވެފަ ޒަމާނުއްސުރެ އެތަނުގަ ކުނިނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮއްސަ އޮތް، އެތަނުގެ މާހައުލަކީ ޕޯޓެއް ކަހަލަ ތަނެއް އެއީ ހަމައެކަނި ދަނގަޑާ ލަކުޑި ބާލާ ތަނެއް ނޫން،. ކާބޯތަކެތި އިންޕޯޓް ވެސް އެކްސްޕޯޓްވެސް ކުރާ ތަނެއް." ޕޯޓެއް ތަރައްގީ ކުރަން ތިލަފުށި ކަމުނުދިޔަ ސަބަބު ބަޔާން ކުރައްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން