ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށެވެ. އެހެންކަމުން 24 ޖޫން 2022 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލު ގެނެވިފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.



އެސްޓީއޯއިން ބުނީ، އެފްއެސްއެމްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.55ރ އަށް ކަމަށާއި ޑީސަލް ލީޓަރެއް 16.77ރ. އަށް ކަމަށެވެ. އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގު ބޮޑުކުރީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ފަހަރު ބޮޑުކުރި އަގަކީ ޕެޓްރޯލް ލީޓަރެއް 14.60ރ. އަދި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ. އެހެންކަމުން މިއީ ކުރިން ވިއްކި އަގަށްވުރެ ލީޓަރަކުން ގާތްގަނޑަކަށް 2 ރުފިޔާގެ ބޮޑުވުމެކެވެ.

މިއީ މިއަހަރު ފެށުނުފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނައި 4 ވަނަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު