ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރުމަށްފަހު އެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު 9:30 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ މައްސަލާގައި ދަޢުވާލިބޭ ޔޫސުފް ނައީމްގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީކަމަށް ކްރިމިނަލް ކޯޓުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

މިމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްކުރާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގާފައިވެއެވެ. އޭނާއަކީ ޒިޔަތުގެ ލެޕްޓޮޕެއްގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި އޮފިސަރެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު