އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް
އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް
ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 މީހަކު މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް އެލްޖީއޭއިން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ 50 މީހަކާއި، ފުވައްމުލައް ސިޓީގެ 50 މީހަކުކަމަށެވެ. މީގެ ތެރެއިން އައްޑުއަށްދާ މީހުން މިއަދު ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަމަށާ، ފުވައްމުލަކަށްދާ މީހުން މާދަމާ ހެނދުނު ޓެސްޓްކުރަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަށްރަށަށް ދާންބޭނުންވެފައިވާ މީހުންގެ ތެރެއިން ނަންނޯޓުކޮށްފައިވާ 42 މީހަކު ރޭވެސްވަނީ އައްޑުއަށް ފުރުވާލާފައެވެ. މާލެއިން ރަށްރަށަށް ދިއުމަށް ނޯޓްކުރި މީހުންގެ ތެރެއިން ހޯމް ކަރަންޓީނަށް ގެންދަންޖެހޭ 2369 މީހަކު ތިބިކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ދާންބޭނުންވާ މީހުންގެ ތެރެއިން 3061 މީހަކު ރިސޯޓް ކަރަންޓިން ފެސިލިޓީސްތަކަށް ގެންދެވި 628 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓްކޮށް ރަށްރަށަށް ގެންގޮސްދީފައިވާ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ފުރަބަންދުގައިވާ މާލެއިން، މީހުން ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީނުކުރާނެ އުސޫލެއް އެކުލަވާލައި މިހާރުވަނީ އާއްމުކޮށްފައެވެ. ރަށްރަށަށް ގޮސް ގޭގައި ކަަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. މިގޮތަށް ކަރަންޓީނު ކުރެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ގެތަކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން