އެމްޓީސީސީގެ މަހާޖައްރާފު
އެމްޓީސީސީގެ މަހާޖައްރާފު
ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މަހާޖައްރާފުގައި ވަޒީފާ އަދާކުރާނީ ހުސްދިވެހިން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި މަހާޖައްރާފުގައި މަސައްކަތް ކުރާ މީހުންނަކީ ހުސް ދިވެހިން ކަމުގައި ހެދުމަށް މިހާރު ނިއްމައިފައިވާ ކަމަށާއި، ދިވެހި ރާއްޖޭގައި މަހާޖައްރާފު ބެލެހެއްޓޭނެ ވަރުގެ ދިވެހިންވެސް އެބަތިބި ކަމަށެވެ. މިބަދަލާ ގުޅިގެން މަހާޖައްރާފު ބޭނުންކޮށްގެން މިހާރު ކުރިއަށް ގެންދާ އެއްވެސް މަސައްކަތެއް ނުހުއްޓޭނެ ކަމަށާއި، މަސައްކަތުގެ ސްޕީޑަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަހާޖައްރާފުގައި ހުސް ދިވެހިން ވަޒީފާ އަދާކުރަން ފެށުމުން ކުރަންޖެހޭ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި، އެގޮތުން މަހެއްގެ މައްޗަށް 8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

"ކުރިން ވެއްޖެއްޔާ ޔޫރަޕްގެ މީހުން ތިބޭއިރު، ކުރޫ ޗޭންޖަސް އަންނާނެ، ވަކި މުއްދަތެއް އައީމާ. އެހެންވީމާ ކުރޫ ޗޭންޖްކުރާއިރު އެމީހުންގެ އޮންނާނެ ސެޓެއް އެސެޓް އައިސް ބަދަލުވަމުންދާނީ. މަހާޖައްރާފަށް ދިވެހިން ނަގަން ވިސްނާއިރު މިހާރު ތިބި ދިވެހިންނަށް ވުރެ އިތުރު ދިވެހިން ނަގާނެ. އޭރުން ކަނޑުމަތީގައި ވަޒީފާ އަދާކުރަން ބޭނުންވާ ޓެކްނިކަލް ކޮލިފައިޑް އެތައް ބަޔަކަށް ވަޒީފާ ތަކެއް މީގެ ތެރެއިން ހުޅުވާލެވިގެންދާނެ. މިއީ ދިވެހިރާއްޖެ އަށް ލިބިގެންދާނެ ކުރިއެރުމެއް." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، މަހާޖަައްރާފުން ކުރާނެ މަސައްކަތަކެއް އަބަދުވެސް ހުރުމަކީ އެމްޓީސީސީ އާއި ދައުލަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ސަރުކާރަށް ޕްރޮޕޯސަލްތަކެއް ހުށައެޅުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ވާހަކަ ދައްކައިގެން ޕްރޮޕޯސަލްތައް ހަދަމުން މިދަނީ، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެކަން ނިއްމާލެވޭނެ، ނިއްމާފައި ސަރުކާރަށް ހުށައަޅާނަން." އާޒިމް ވިދާޅުވިއެވެ.

މަހާޖައްރާފު ބޭނުންކޮށްގެން މިހާރު ވެސް ދަނީ މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ނިމުމުން ކ.ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށަން ވަނީ ނިއްމާފައެވެ. މަހާޖައްރާފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު، 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް ގަތް ހޮޕާ ސަކްޝަން ޑްރެޖަރެކެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއާޕޯޓު ތަރައްގީކުރަމުންދާ ބައެއް ރަށްރަށާއި އެހެނިހެން ރަށްރަށުގެ ބިން ހިއްކާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން