ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ އިވެންޓް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 9 ދުވަސް ޖަހައިފި އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 22 ވަނަ ދުވަހު ކާނިވާ ރެސްޓޯރެންޓް ތެރޭގައި ހުންނަ ލެވެންޑަރ ކެފޭ ތެރެއިންނެެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖަހާފައިވަނީ ފަސް ދުވަހެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ޙާޟިރުކުރުމުން އިތުރު 9 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް އެކަން އެޕާޓީން ދޮގުކުރެއެވެެ. މުޙައްމަދާއެކު ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ)ގެ ބަންދަށް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އޭނާ މިއަދު ވަނީ ދޫކޮށްލާފައެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމްވެރިޔާ އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ވެސް ވަނީ ހައްޔަރު ކޮށްފަައެވެެ. ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން