ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން
މާލޭ ރަށްވެހިންގެ ދަފްތަރުގައި ތިބި މީހުންނަށް ޚާއްސަ ދާއިރާތަކެއް މަޖިލީހުގައި އުފައްދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން އިޢުލާނު ކުރުމާ ގުޅިގެން ޢަލީ ޙުސައިން ވަނީ އެކަމާދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ޢަލީ ޙުސައިންގެ މައިގަނޑު ކަންބޮޑުވުމަކީ ގޯތި ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި މާލޭގެ ރަށްވެހިން ކަނޑައެޅުމުގައި ބަލާ މިންގަނޑެވެ.

އެގޮތުން، ‏ދައުލަތުގެ ފައިސާ ޚަރަދު ކޮށްގެން ހިއްކާ ބިން ދޫކުރުމުގައި އަދި ވިއްކުމުގައި ވިޔަސް އެ މީހަކު ނިސްބަތްވާ ރަށަކަށް ބަލައި ތަފާތު ކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި ހިލާފު ކަމެއްކަމަށް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޢަލީ ޙުސައިން ވަނީ މާލޭ ދަފްތަރުގައި ތިބިމީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުން ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކި ޚާޢްޞަ ދާއިރާތަކެއް އުފައްދަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން މިމަހުގެ 26 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ. މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯތި ދޫކުރުމުގެ އުސޫލެއް ހައުސިން މިނިސްޓްރީން ވަނީ ޢާއްމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީ ޖެހިފައިނުވާ ފަރާތްތަކަށެވެ.

އެހެންކަމުން އުސޫލުގައި ހިމެނޭ މާލެއިން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން މާނަކޮށްފައިވާ މާއްދާ ބާތިލުކުރަން ހައި ކޯޓަށް ހުށައެޅުމަށް ޤާނޫނީ ވަކީލުންތަކެއް މިހާރުދަނީ މަސައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ޢަލީބެ

01-Jul-2022

ދަފަތަރު ރަގިސްޓްރީ ވުމުން އެއީ މާލޭ މީހެއް. ދަފްތަރޭ ކިޔާގެން މުހާތަބު ކުރުމަކީ ދަށްކިށްލުމުގެ އަމަލެއް.