ހެއްކާބެހޭ ބިލާމެދު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އޮތް ޙައްލަކީ އައު އިސްލާޙެއް ހުށައެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ ހެއްކާ ބެހޭ ބިލް އިސްލާޙު ކުރުމަށް ގޮވާލާ ނޫސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިޙްތިޖާޖު ކޮށްފައެވެ. އެ އިޙްތިޖާޖުގައި ނޫސްވެރިން ގޮވާލާފައިވަނީ ހެއްކާބެހޭ ބިލްގެ 136 ވަނަ މާއްދާ އިސްލާޙުކުރުމަށެވެ. އެއީ މަސްދަރު ހާމަކުރުމާބެހޭ މާއްދާއެވެ.



ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަމުންދިޔަ ނޫސްވެރިންނާ ބައްދަލުކުރަށްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގައި މަސައްކަތްތައް ކުރިޔަށް ގެންދަނީ ސިއްރުން ނޫން ކަމަށެވެ. އަދި ހެއްކާބެހޭ ބިލަށް ކަންބޮޑުވުންތައް ހުށަހަޅަން އެކަށީގެންވާ މުއްދަތު ނޫސްވެރިންނަށް ލިބިދީފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންވެސް ތިއްބެވީ ނޫސްވެރިންގެ ކަންބޮޑުވުންތައް ބަލައިނުގަންނަ ގޮތަށް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ބިލަށް އިސްލާހު ގެންނަން ދީފައިވާ ވަގުތު ހަމަވެފައިވާކަމަށާއި ދެން އޮންނާނެ ގޮތަކީ ބިލް ފާސްވުމުން އައު އިސްލާޙެއް ހުށައެޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިހާރު އޮންނާނެ ގޮތަކީ މިކަން މިގޮތަށް ގެންގޮސްފައި އަނެއްކާ އަލުން އަނބުރާ ތިބޭފުޅުންގެ އިސްލާހަށް އަޅުގަނޑުމެން އެންޓަޓައިން ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހެއްކާބެހޭ ބިލަކީ ހައެއްކަ މަސްދުވަހުގެ މަސައްކަތް ކަމަށާއި އެޤާނޫނަކީ ބޮޑު ޤާނޫނެއް ކަމަށެވެ. އެހެންކަމުން ޤަވާއިދާ ޚިލާފަށް ޢަމަލުނުކުރެވޭނެ ކަމަށާއި ނޫސްވެރިންވެސް ރަނގަޅަށް މަސައްކަތް ކުރެއްވިނަމަ ބިލް މިހާރުއޮތްގޮތަށް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން އިޙްތިޖާޖުގައި ތިބި ނޫސްވެރިން ބުނީ ބިލު މަޖިލީހަށް ހުށަހެޅި ހިސާބުން ފެށިގެން ވެސް ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ބިލު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ ބިލު އިސްލާހު ކުރަން އެދޭ ގޮތް ބުނެފައިވާނެ ކަމަށް ވެސް ނޫސްވެރިން ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް ޖަވާބުދެއްވަމުން ބިލު ދިރާސާ ކުރެއްވި ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނޫސްވެރިޔާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު ވިދާޅުވީ ނޫސްވެރިންގެ އޭރުގެ ކަންބޮޑުވުންތަކާ ގުޅިގެން ބިލަށް ބައެއް އިސްލާޙުތައް ގެނައިކަމަށެވެ. އަދި ފަހުން ހުށައަޅާފައިވާ ކަންބޮޑުވުންތައް ލިބުނީ ތަންކޮޅެއް ލަހުންކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.

"ވަރަށް ބައިވަރު އިސްލާހު ވެސް އަޅުގަނޑުމެން ގެނައިން. ނަމަވެސް އަދިވެސް މި ބޭފުޅުން ބޭނުން ވަނީ ކޮންމެސް ވަރެއްގެ އިސްލާހުތަކެއް ގެންނަން. އެ އިސްލާހު ލިބުނީ ތަންކޮޅެއް ލަހުން،" މެންބަރު މޯޑު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ.

އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު