ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކޯވިޑް ފްރީ ޒޯންތަކެއް ކަނޑައަޅައި، ރާއްޖޭގެ ތިން ސަރަހައްދެއް ހުޅުވާލަން ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.

އެގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އެވެ. މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އެހެން ބައެއް ގައުމުތަކުން ވެސް އިގްތިސާދު ހުޅުވާލަމުންދާ ކަމަށާއި "ނިއު ނޯމަލް" ގެ ތެރެއިން ގައުމުތަކުން އިގްތިސާދީ ކަންކަން ނިންމަމުންދަނީ އެ ގައުމެއްގެ ހާލަތުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އެއްކޮށް ހުއްޓިފައިވާތީ ދިރާސާތަކަށް ފަހު އެކި މަރުހަލާތަކުގައި އެކި ސަރަހައްދުތައް އިގްތިސާދީ ކަންކަމަށް ހުޅުވާލަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލައި، ކަނޑުގެ ބަނދަރުތައް ވެސް ހުޅުވައިލަން ޖެހޭ ކަމަށް އެ ގަރާރުގައިވެއެވެ.

ދެކުނާއި އުތުރުގެ ބަނދަރުތައް ހުޅުވައިލުމުން ސަރުކާރާއި އާންމު ވިޔަފާރި ގުދަންތައް އިތުރުވެ، މާލެއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އަހުމަދު ރަޝީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މަސް ފެކްޓްރީތަކުގައި މަސް ބަންދު ކުރުމުގެ ގާބިލްކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިންނަށް ފަންނީ އަދި މާލީ އެހީ ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އެ ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނާ ގޮތުން، އެއްކޮށް އިގްތިސާދު ހުއްޓާލައިގެން ތިބެން ޖެހިއްޖެ ނަމަ، އިގްތިސާދީ ތަދު މަޑުކަމެއް ކުރިމަތިވެދާނެ އެވެ. ކޯވިޑް-19 އާ ގުޅިގެން އިގްތިސާދު ހުޅުވާލަން ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައަޅާފައިވާއިރު ނިއު ނޯމަލްގެ ތެރެއިން އިގްތިސާދު ހުޅުވާލުމަށް ޕްލޭންތަކެއް އެކުލަވާލައި، އެކަމަށް މަޝްވަރާ ތައް މިހާރު ސަރުކާރުން ވަނީ ފަށާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅުތައް އެޅުމަށް އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ އެކު، ރާއްޖެ އަށް އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެ، ވަޒީފާތަކާއި ވިޔަފާރިތަކަށް އޭގެ އަސަރު ވަނީ ކޮށްފައެވެ. އެ ގެއްލުންތައް ކުޑަކުރުމަށްޓަކާ އެފަދަ ފަރާތްތަކަށް އެހީވާން ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް އިއުލާންކޮށް، އެ ޕެކޭޖުން ބައެއް މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން