ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުނިވަކިކުރަން ނިންމި ނިންމުމާއި އެކަމުގައި ގެންގުޅުއްވާ ބައެއް އުސޫލުތަކާއި ގުޅިގެން މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭލޭ ސިޓީ ކައުންސިލްގެ 58 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ކުނި ވަކިކޮށް ހެދުމަކީ ރަނގަޅު ކަމެއްކަމަށާއި، ތިމާވެއްޓަށްވެސް ފައިދާހުރި ކަމެއްކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ވެމްކޯއިން ޢަމަލުކުރައްވާ އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވަނީ ވަރަށް ބޮޑު ތަކުލީފެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

"ޙަޤީޤަތުގަ ރަނގަޅުކަމެއް ކުނިވަކިކޮށް ޕްލާސްޓިކް ވަކިކޮށް އަދި އެހެނިހެން ތަކެތި ވަކިކޮށްގެން ނެރުމަކީ. ރިސައިކަލް ކުރުމަށް ތިމާވެއްޓަށް ވަރަށް ފައިދާހުރިކަމެއް. އެހެންނަމަވެސް އެ ޕްރޮސެސް އެ ގެންދަމުންދާގޮތުގައި ރައްޔިތުންނަށް ހުރި ތަކުލީފް." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސެޕްގައި ހުރި ތިމާވެއްޓާއި ގުޅޭ އެކިއެކި ކަންކަމުގެ ތެރެއިން، ރައްޔިތުން މިކަމަށް ހޭނި އަމިއްލައަށް މިކަން ކުރެވެންދެން ކުނިވަކިކުރުމުގައި ކޮންމެވެސް މަގެއް ފަހިކޮށްދޭން އެދިވަޑައިންނަވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިކަމުގައި އެންމެންވެސް އުންމީދު ކުރަނީ އެއް ނަތީޖާއަކަށް ކަމަށްވީ ނަމަވެސް ރަނގަޅުނުވެގެން އުޅެނީ މިކަން ގެންދަން އުޅޭގޮތުން ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު