މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގެ ޓެރަސްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި މި ބޯޓު ގަތުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި ބޯޓު ވިއްކި ޖަރުމަނުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޮނަސް ކެލާ އެވެ.

އެމްއެސްއެސް ގްރެފީން އަކީ 680 ކޮންޓައިނަރު ބަރުކޮށްގެން ދަތުރުކުރުމުގެ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ. އެ ބޯޓު ދަތުރު ކުރާނީ ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިޔާއަށެވެ.



މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓުތަކުގެ ތެރޭގައި ދެން ހިމެނެނީ އެމްއެސްއެސް ކްރޮމް އާއި އެމްއެސްއެސް ގަލޭނާ އެވެ. ކްރޮމް އަކީ 48،000 ޓަނުގެ ބޯޓެކެވެ. ގަލޭނާއަކީ 450 ކޮންޓެއިނަރު އުފުލޭވަރުގެ ބޯޓެކެވެ.

ގަލޭނާ ދަތުރުކުރަން ހާއްސަކޮށްފައި އޮތީ ސްރީ ލަންކާގެ ކޮލޮމްބޯ އާއި ރާއްޖެއާ ދެމެދު އެވެ. ކްރޮމް އަކީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ކޮންސްޓްރަކްޝަން ސާމާނު އުފުލުމަށް ޚާއްސަކޮށްފައިވާ ބޯޓެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ހިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން