ރާއްޖޭގެ މަރުކަޒީ ބޭންކް- ސަރުކާރުން މިހާރު ވަނީ 2.7 ބިލިއަން ރުފިޔާ އެމްއެމްއޭއިން އޯވަޑްރޯކޮށްފަ
ރާއްޖޭގެ މަރުކަޒީ ބޭންކް- ސަރުކާރުން މިހާރު ވަނީ 2.7 ބިލިއަން ރުފިޔާ އެމްއެމްއޭއިން އޯވަޑްރޯކޮށްފަ
ކޯވިޑް19އާއި ގުޅިގެން ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން 2.7 ބިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓުން ސަރުކާރަށް އޯވަޑްރޯކޮށްފިއެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ، ދައުލަތުގެ މާލިއްޔާގެ މައި އެކައުންޓްގައި ނެތް އަދަދަށް ވުރެ އިތުރަށް އެމްއެމްއޭއިން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ދޫކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދުގައި ދައުރުވަމުންދާ ފައިސާގެ ތެރެއަށް އިތުރު ފައިސާ ނެރެވެއެވެ.

އެމްއެމްއޭ އިން ހާމަކުރިގޮތުގައި، މި ފައިސާއަކީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އޯވަޑްރޯގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދެވެ. އެގޮތުން އޯވަޑްރޯގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 828 މިލިއަން ރުފިޔާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެހުއްދަ ދިނުމަށް މަޖިލީހުން ފާސްކުުރުމުންނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ސަރުކާރުން އެމްއެމްއޭއަށް ދަރަނި ނެގޭނީ ފާއިތުވެދިޔަ ތިން އަހަރުގެ އެވަރޭޖް އާމްދަނީގެ ތިން ޕަސެންޓުގައެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އެ ލިމިޓް މަތިކޮށްދިނުމަށް އެދުމުން މަޖިލީހުން ވަނީ އެ އަދަދު 4.2 ބިލިއަން ރުފިޔާއާ ހަމައަށް އިތުރުކޮށްދިނުމަށް ފާސްކޮށް އެ ހުއްދަ ދީފައެވެ. އެކަން ކުރުމަށް މަޖިލީހުން ވަނީ ގާނޫނީ އޮނިގަނޑަށްވެސް ބަދަލު ތަކެއް ގެނަސްފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ އޯވަޑްރޯ ކުރުމަކީ ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި، އެކަމުގެ ސަބަބުން އިންފުލޭޝަން މަތިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


3

ޙައްތު

09-Jun-2020

މިޔައްކިޔަނީ ޤައުމު ފުޑާލުން. ދަރިންގެ ދަރިންނަށްވެސް ޤައުމު އަތުނުޖެހުން. ދައުލަތުގެ ހަރުމުދާ ވިއްކުމަށް ދެވޭ ލައިސެންސެއް



ޓްރެންޑިން