ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާ ބިލްޑިންގ؛ ސަލާންބުނަ ކޮންމެ ދުވަހަކު ޑޮކްޓަރެއްގެ ސެތްފިކެޓް ހޯދަންޖެހޭ އިސްލާހު މިހާރުވަނީ ހުށައަޅާފައި (ރަސް ފޮޓޯ- ޝާހް)
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާ ބިލްޑިންގ؛ ސަލާންބުނަ ކޮންމެ ދުވަހަކު ޑޮކްޓަރެއްގެ ސެތްފިކެޓް ހޯދަންޖެހޭ އިސްލާހު މިހާރުވަނީ ހުށައަޅާފައި (ރަސް ފޮޓޯ- ޝާހް)
މުވައްޒަފުން ބަލިވެގެން ސަލާމް ބުނާ ކޮންމެ ފަހަރަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިހާރު ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވަނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ. އަދި ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުންނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫން ކަމަށް ގާނޫނުގައިވެއެވެ. އެގޮތުން މުވައްޒަފަކު ބަލިވެގެން ޖެހިޖެހިގެން ދެ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރުމުގެ ފުރުސަތު ވަޒީފާއާއި ބެހޭ ގާނޫނުން މިހާރު ލިބިދީފައި ވެއެވެ.

އެހެން ނަމަވެސް މިހާރު ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް އެ މާއްދާ ބަދަލު ކުރުމަށެވެ. ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަންފަށާފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އެއިސްލާހު ހުށައެޅި ވަގުތުން ފެށިގެން މީސްމީޑިއާގެ ގިނަ ބަޔަކު ދަނީ މި އިސްލާހާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

މިހުށައެޅުމާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަކީ ކުޑަ އުޖޫރަ އަކަށް މިހާރު ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބަޔެއް ކަމަށެވެ. އޭގެ ތެރެއިން 99 އިންސައްތަ މުވައްޒަފުންނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބަޔެއްކަން މަހުލޫފް ފާހަގަކުރެއްވިއެވެ.

"ބައެއް މުވައްޒަފުންގެ އަމަލުތަކުން އެހެން ހުރިހާ މުވައްޒަފުންނަށް މިކަން ތަކުލީފަކަށްވުން ގާތް، ބިލް ފާސްކުރުމުގެ ކުރިން ވިސްނާލަން މުހިންމު ކަމެއް." މުވައްޒަފުން ބަލިވެގެން ސަލާމް ބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލު ބަދަލުކުރުމަަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އިޝާރަތް ކުރައްވަމުން ޒުވާނުންގެ ވަޒީރު މަހުލޫފް ވިދާޅުވިއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނަށް މިހާރު ގެންނަން ހުށައަޅާފައިވާ އިސްލާހަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ތަކުލީފެެއް ކަމުގައި ސިވިލް ސާވިސް ވަޒީފާ އަދާކުރާ ބައެއް މުވައްޒަފުން ފާހަގަކޮށްފައި ވެއެވެ. ހާއްސަކޮށް މައްސަރު ކަންތައް ޖެހިގެން ގަދަޔަށް ބަނޑުގައި ރިއްސާތީ ސަލާމް ބުނަން މަޖުބޫރުވާ އަންހެނުންނާއި، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް މިކަމުން ވަރަށް ދަތި އުނދަގޫ އުފުލަން ޖެހޭނެ ކަމަށް ބުނެ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ އިތުރުވެފައެވެ.

"އެގޮތަށް ހަމަޖެއްސުމުން މައްސަރު ކަންތައް (ޕީރިއަޑް) ވެގެން ތަކުލީފު އުފުލާ އަންހެނުން އެމްސީ ހޯދަން ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ދާނީ ކިހިނެއް؟ މިއީ ވަރަށް ބޮޑު ތަކުލީފަކަށްވާނެ." އެކަކު ޓުވީޓާގައި ލިޔެފައި ވެއެވެ.

ޓުވީޓާގައި މިކަމަށް ރައްދު ދިން އެހެން މީހަކު ބުނީ އެއީ ގާނޫނަކުން ބޮޑު ވިޔަފާރިއަކަށް ކުރިމަގެެއް ހުޅުވާލުމަށް ކުރާ ކަމެއް ކަމަށެވެ. "އެމްސީ ލިބޭނީ ޑޮކްޓަރަށް ދައްކައިގެން. ޑޮކްޓަރަށް ދައްކަން ކްލިނިކަކަށް ދިޔަޔަސް އާސަންދަ ލިބޭނީ އަމިއްލަ ޖީބުންވެސް ފައިސާ ލައިގެން ތިން ހަތަރު ސަތޭކަ ރުފިޔާ ނުގޮސް އެކަން ނުކުރެވޭނެ. އެކަން އެނގޭނެ ވަރަށް ރަނގަޅަށް މެންބަރުންނަށް ވެސް ސަރުކާރަށްވެސް. އެކަން އެނގި ތިބެ މިއީ ބަޔަކަށް ހުޅުވާލަދޭ ވިޔަފާރީގެ ދޮރެއް ނޫންތޯ؟" މިކަމުގައި ޚިޔާލު ތަފާތުވާ ސަބަބު ބަޔާންކޮށް މީހަކު ލިއެފައި ވެއެވެ.

ގިނަ މީހުން ސަލާމުގެ ސެޓިފެކެޓް ނުވަތަ އެމްސީ ހޯދަން ޑޮކުޓަރަށް ދައްކާނީ އަމިއްލަ ކްލިނިކްތަކަށެވެ. ގިނަ ކްލިނިކްތަކުން ޑޮކުޓަރަށް ދެއްކުމަށް އާސަންދަ އެއް ނުލިބެއެވެ. އެހެންވީމާ ފައިސާ ދައްކަންޖެހޭނީ އަމިއްލަ އަށެވެ. އެހެންކަމުން ބައެެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މިއީ ސިއްހީ ޚިދުމަތުގެ ތެރެއިން ވިޔަފާރި ކުރުމަށް ހުޅުވާލެވޭ ދޮރެކެވެ.

"މިއީ މިކަން ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ދަނޑިވަޅުބާ. ގިނަ މީހުން މިތިބީ ނަފުސާނީ ގޮތުންވެސް ބަލިކަށިވެފައި. އޮފީހަށް އެނބުރިދާން ހިތްވަރު ބޭނުން ވެފައި. ޑޮކްޓަރުންނަށް ދާންދެން. އިތުރު ތަކުލީފު ރައްޔިތުންނަށް." ވަރަށް ހިތްހަމަ ނުޖެހުމާއެކު ޚިޔާލުފާޅުކުރި ޒުވާނަކު ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ދަންނަ

10-Jun-2020

މިއީ ސަރުކާރުން ވެސް އިތުރު ޚަރަދެއް އާސަންދަ އިން ވެސް އިތުރު ފައިސާ ތަކެއް ކަމުގެ ދެކޮޅަށް ވިސްނާ އިރު ސަރުކާރަށް ލިބޭ ގެއްލުން ބޮޑުވާނެ ކަން ޔަގީން



ޓްރެންޑިން