ޢުމްރާނީ ތަރައްޤީ ޕްލޭން ކުރާއިރު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް ކަށަވަރުކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް2 ގެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅޫ ދައްކަވަމުންނެވެ. ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރަމުންދާއިރު އަދި ޚާއްސަކޮށް ހުޅުމާލެ ފަދަ އާބާދީބޮޑު މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އެތަންތަނުގެ އަމަން ބަލަހައްޓާނެ ގޮތުގެ ޕްލޭނާއި ވިސްނުން ހުންނަން ޖެހޭ ކަމަށެވެ.

ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ރާވައިގެން ތަރުތީބު ކޮށްގެން ކުށްކުރަމުންދާ މީހުން ކުރަންދާ މަސައްކަތް ދެނެގަތުމުން، އަމަން ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން އެނގިގެންދާ ކަމަށެވެ.

"މިކަންކަން ޕްލޭންކުރާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ކިހިނެއްތޯ މިތަންތާގެ އަމަން ބަލަހައްޓާނީ. މިތަންތަނުގެ ސަލާމަތީ ޚިދުމަތްތައް އަޅުގަނޑުމެން ފޯރުކޮށްދޭނީ ކޮންގޮތަކަށްތޯ. އެވިސްނުން އަޅުގަނޑުމެންގެ ހުންނަން އެބަޖެހޭ މިތަނަށް ކަރަންޓު ދޭނީ ކިހިނެއްތޯ، މިތަނުގެ ނަރުދަމާ އަޅާނީ ކިހިނެއްތޯ ވިސްނާ މިންވަރަށް ވިސްނަންޖެހޭކަން އަޅުގަނޑުމެންނަށް މިހާރު އެބައެނގޭ. ކުށުގެ މާހައުލަށް މިއަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ކުށް ރާވައިގެން ތަރުތީބު ކޮށްގެން ކުރާމީހުން މިކުރަމުންދާ މަސައްކަތް ދެނެގަތީމަ އަޅުގަނޑުމެންނަށް އެބައެނގޭ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް މިދެންނެވި މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން." މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވިއެވެ.

ނަޛީރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ކުރެވުނު ތަޖުރިބާއިން ދަސްކުރަންޖެހޭ ފިލާވަޅަކީ މިފަދަ އާބާދީބޮޑު މަރުކަޒުތައް ޕްލޭންކުރާ މަރުހަލާގައި ކަރަންޓާއި ނަރުދަމާ އަޅާނެ ގޮތާމެދު ވިސްނާ ވިސްނުމަށްވުރެ ބޮޑަށް މި ތަންތަނުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތަކާމެދު ވިސްނުން މުހިންމުކަން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ކުށެއް ކުށަކަށްވުމުގެ ކުރިން ކުށެއް އުފެދިދާނެ ކަންކަން ދެނެގަނެ އެކަން ޙައްލު ކުރަންޖެހޭ ކަމަށާއި ޚިދުމަތް ދިނުމަށްޓަކައި ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް ކުށެއް އުފެދުމުގެ ކުރިން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހޭދަކުރަން އެބަޖެހޭ ކަމަށެވެ.

"އިންސައްތައިން ބޮޑުބައެއް މިހާރު ހޭދަކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ކުށެއް ކުށަކަށް ވުމުގެ ކުރިން އެކަން ފާހަގަކޮށް ކުށެއް ނުއުފެދެނީސް އެކަން ހުއްޓުވުމަށްކުރާ މަސައްކަތަށް. މިދަންނަވަނީ ކްރައިމް ޕްރިވެންޝަންއަށް. ގޭގެއަށް. ފަޅުއޮޑިފަހަރަށް، ހޮޅުއަށިތަކަށް ތިބޭފުޅުން ވަޑައިގެން ކުށެއް އުފެދިދާނެހެން ހީވާ ކަންކަން ދެނެގަނެ ކުށަކަށްވުމުގެ ކުރިން އެކަންކަން ޙައްލު ކުރުމަށް ކުރާ މަސައްކަތް އަޅުގަނޑުމެން އިތުރު ކުރަންޖެހޭ" މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވިއެވެ.

ނަޛިރު ވިދާޅުވީ ކަންކަން ފަރުމާކުރުމުގެ މަރުހަލާ ފަށައިގަންނަން ޖެހޭނީ ރައްޔިތުން ތަހައްމަލު ކުރާ ބިރުވެރިކަން ނައްތާލެވޭނެ ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނޫންނަމަ މިއަދު ނިންމާލާ މަސައްކަތް ވެގެންދާނީ ދެން އަންނަން ތިބި ބަޔަކަށް ބޮޑު ތަކުލީފަކަށް ކަމަށެވެ.

ހުޅުމާލޭގެ 2 ވަނަ ފޭސްގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަށް ކުރާ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތް އެހާ ލަސްނުވެ ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން