ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ފުލުހުންނާ ޕީޖީ އޮފީހުގެ ގުޅުން އިތުރަށް ބަދަހިވެ، މައްސަލަތަކުގައި ދައުވާކުރަން ނަގާ މުއްދަތު ދެގުނައަށް ދަށް ކުރެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތަހުޤީޤީ އޮފިސަރުންނާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މިންނެއް މަސައްކަތުން މައްސަލަތަކުގައި ދައުވާ ކުރަން އެވްރެޖްކޮށް ނަގާ މުއްދަތު ދަށް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު މައްސަލަތަކުގައި ތަހުޤީޤު ނިންމައި ދައުވާ އުފުލުމަށް އެވްރެޖްކޮށް 87.70 ދުވަސް ނަގާކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެން ނަމަވެސް، މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ އަދަދު 47.45 އަށް ދަށް ކުރެވިފައިވާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޕީޖީ ޝާމީމު އޮފީހަށް ވަޑައިގެން ފުރަތަމަ 6 މަހުގެ ތެރޭގައި ލިބިވަޑައިގެންނެވި މުހިއްމު ކާމިޔާބީއެއް ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މިދިޔަ އަހަރުގެ ވަކިވަކި ދުވަސްތަކުގެ ނިސްބަތުން ބަލާއިރު، އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މުވައްޒަފުންނަށްވެސް ވަޒީފާގެ މަސައްކަތުގެ ބެލެންސް އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، މިއަހަރު އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ހަފްތާގެ ދުވަސްތަކަށް ބަހާލައިގެން މަސައްކަތްތައްވެސް ބެލެންސް ކުރެވިފައިވާ ކަމަށެވެ.

ޕީޖީ އެގޮތަށް ވިދާޅުވެފައިވާއިރު، 2019 ވަނަ އަހަރު ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރެއިން 47.56 އިންސައްތަ މައްސަލަތަކުގައި ދައުވާ އުފުލާފައިވަނީ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ހަފްތާގެ ދުވަސްތަކަށް މަސައްކަތްތައް ބެލެންސް ކުރެވި، އެ އަދަދު ވަނީ 25.76 އިންސައްތައަށް ތިރިކުރެވިފައި ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން