ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރމަން މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކާނިވާ ރެސްޓޯރެންޓް ތެރޭގައި ހުންނަ ލެވެންޑަރ ކެފޭ ތެރެއިންނެެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މީގެ ކުރިން 3 ފަހަރެއްގެ މަތިން އެކުޖުމްލަ 15 ދުވަސް ވަނީ ޖަހާފައެވެ.

މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ބައިބައިވުން އުފައްދައި، މުޖުތަމައަށް ނުރައްކާތެރި މީހެއްކަމަށް ބުނެ މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޟިރުކުރުމުން އިތުރު 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް އެކަން އެޕާޓީން ދޮގުކުރެއެވެެ. މުޙައްމަދާއެކު ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ)ގެ ބަންދަށް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމްވެރިޔާ އައްޝައިޚް ފަޟްލޫން ބިން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ވެސް ވަނީ ހައްޔަރު ކޮށްފަައެވެެ. ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން 21 މީހަކު ހައްޔަރުކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު