ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ2) އަދި އެޕާޓީގެ ޕާލިމެންޓް މެންބަރުން
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ2) އަދި އެޕާޓީގެ ޕާލިމެންޓް މެންބަރުން
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީން އެ ވާހަކަތައް ދޮގުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށް، ރައީސް ނަޝީދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަލްސާގެ ހާޒިރީއަށް ބަލާއިރު ފެންނަނީ ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ޖަލްސާ ބޮއިކޮށްޓް ކޮށްފައިވާ ކަން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ ތަޅުމުގައި އެ ޕާޓީގެ މެންބަރަކު އެވަގުތު ނެތުމުން އެ ކަމަށް އިޝާރަތް ކުރައްވަމުންނެވެ.

މިކަމާ ގުޅިގެން "ރަސް އޮންލައިން" އާއި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމު އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ މަޖިލިސް ޖަލްސާތައް ބޮއިކޮޓް ނުކުރައްވާ ކަމަށާއި މަޖިލީހުގެ ރައީސް ވިދާޅުވިއަސް އެއީ "ރޯ ބުހުތާން ދޮގު" ކަމަށެވެ. އަދި ފެށުނީއްސުރެވެސް ޖުމްހޫރީ ޕާޓީން މަޖިލީހުގައި މަސައްކަތް ކުރުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދެމުން ގެންދާ ކަމުގައި ޤާސިމު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ތަކުގައި ޤާސިމު އިބްރާހީމް ބައިވެރިވެވަޑައި ނުގަންނަވަނީ އެމަނިކުފާނަކީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގައި، ބަލި ޖެހުމުން އެންމެ ނުރައްކާތެރި ހާލަތަށް ދާ އުމުރު ފުރާގެ ބޭފުޅަކަށްވާތީ ކަމާބެހޭ ޞިއްޙީ މާހިރުންގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރެއްވުމުގައި ދެމިހުންނެވުމުގެ ގޮތުން ކަމުގައި މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ލޯކަލް ކައުންސިލް ތަކުގެ އުމުރު ދަންމާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް ވޯޓު ނަގަން މެންދަމުން އަލިވެފައި ހުއްޓާ ބޭއްވި ޖަލްސާގައި ޤާސިމު އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓުދެއްވާފައެވެ.

މިކަމާ ގުޅިގެން ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހަންމަދު ނާޒިމް "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހިވަގުތު ޖަލްސާގައި އޭނާ އިއްނެވި ކަމަށާއި ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.



ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް އެހެން މެންބަރުންވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ. މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހަންމަދު ނަޝީދު މަޖިލިސް ކުރިއަށް ގެންދެވުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މަޖިލީހުގެ ދަނގެތީ ދާއިރާގެ ޖުމުހޫރީ ޕާޓީގެ މެމްބަރު މުހަންމަދު ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަަށް ނިންމައި، އިދިދކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާ އަށް ވެސް އެ ކޯލިޝަންގެ މެމްބަރުން ހާޒިރުވެ ވަޑައެއް ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން