ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ
މި ވަގުތަކީ ރައްޔިތުންގެ އެދޭ ބަދަލެއް ފުލުހުންގެ މުވައްސަސާއަށް ގެނެސް ފުލުހުން ރީފޯމް ކުރަންވީ މުހިންމު ވަގުތުތަކަމުގައި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާ ކަމީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ފުލުހުންގެ ބިލު ގާނޫނަކަށް ވާއިރު ފުލުހުންނާއި ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހި ރައްޔިތުން އެދޭ ފަދައިން ހިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

އިމުރާން ވިދާޅުވީ މި ވަގުތަކީ ރައްޔިތުން އެދޭ ބަދަލު ގެނެސް ފުލުހުންގެ މުއައްސަސާ ރިފޯމު ކުރަންވީ ވަގުތު ކަމަށެވެ.

"ރައްޔިތުން އެދޭފަދަ ޚިދުމަތްދީ ފުލުހުންގެ މުވައްސަސާ އިތުރަށް ހަރުދަނާވެގެން ދާނެކަން ޔަގީންކުރަން، މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުވައްސަސާ އަށް ގެނަސް ފުލުހުން ރިފޯމް ކުރަންވީ އެންމެ މުހިންމު ވަގުތު." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ފުލުހުންގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސްފައިވެއެވެ. މި ބަހުސްގައި ފުލުހުން ކޮށްފައިވާ އަނިޔާތަކުގެ އެތައް ވާހަކަތަކެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ފުލުހުންގެ ތެރޭގައި ބޮޑެތި ޖަރީމާތަކުގެ އަޑީގައި ތިބި މީހުން ތިބި ކަމަށް ތުހުމަތު ކުރައްވައި އަޑީ ދައުލަތެއް ފުލުހުންގެ ތެރޭގައި އޮންނަ ކަމަށް އެމަނިކުފާން ވިދާޅުވަމުން ގެންދަވާ ބަސްފުޅު ތަކުރާރު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން