ޢަލީ އާޒިމް (ކ) އާއި، ޑރ. އިޔާޒް (ވ)
ޢަލީ އާޒިމް (ކ) އާއި، ޑރ. އިޔާޒް (ވ)
ހުވަޔަކީ ކުޅޭކުޅޭ އެއްޗެއްކަމަށް ހީކުރަށްވައިގެން ނުވާނެކަމަށް ވިދާޅުވެ ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމަށް ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.

ޑރ. އިޔާޒް މިމޭރުމުން ޢަލީ އާޒިމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައި މިވަނީ ރާއްޖޭގައި ކުޅޭ ކުޅިވަރުތަކާއި، ކުރާ މަޖަލަކީ މުޅިން ހަރާން ކަންތައްތޯ އާޒިމް ސުވާލު އުފެއްދެވުމާ ގުޅިގެންނެވެ. އާޒިމް މި ސުވާލް އުފައްދަވާފައިވަނީ ރާއްޖޭގައި ބޮޑީބިލްޑިން ބޭއްވުމާއި ދެކޮޅަށް ދީނީ ބައެއް ޢިލްމުވެރިން ފާޅުކުރެއްވި ޚިޔާލުތަކަކަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ.

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ތިމާވީ ކޮންމެ ތަނެއްގައި އިސްލާމީ އުޞޫލުތަކަށް ތަބާވާންޖެހޭ ކަމަށެވެ. ޚާއްޞަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން އެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ހުވަޔަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް ހީނުކުރައްވާތި." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ބޮޑީބިލްޑިން ބޭއްވުމާއި ދެކޮޅަށް ދީނީ ބައެއް ޢިލްމުވެރިން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި މިފަހަރު މީހުން ދިރިއުޅޭ ރަށެއްގައި މިކަން ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށް ވިދާޅުވެ އިލްމުވެރިން ދަނީ ފާޑުވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ލަވަޔާއި، މިޔުޒިކާއި، ޔޯގާއާއި، ބޮޑީ ބިލްޑިން މުބާރާތަށް ފާޑުކިޔާއިރު، ކުރިއަށް އޮތްތަނުގައި ފުޓުބޯޅަވެސް މިލިސްޓުގައި ހިމެނިދާނެ ކަމާއިމެދު ސުވާލުއުފެދޭ ކަމަށެވެ.

ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރަށްވާފައިވާ ޓްވީޓަކާއި ގުޅިގެން ޑރ. އިޔާޒް ވަނީ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ގައުމާއި ރައްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު