ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިނުގެންނެވުމުން ދިވެހިންނަށް އެއްވެސް ހެވެއް އެދިވަޑައިނުގަންނަވަނީތޯއޭ ވިދާޅުވެ ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު މިއަދު ސުވާލު އުފައްދަވައިފިއެވެ.

ޢަލީ ޒައިދު މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ ސްރީލަންކާގެ ދާޚިލީ މަސްރަހު ހޫނުވެ މަޤާމުން އިސްތިޢުފާދެއްވަން ނިންމެވުމަށްފަހު އެޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ގޮޓާބަޔަ ރާއްޖެއަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ނުފޫޒުގައި ކަމަށެވެ.

އެކަމާ ގުޅިގެން ޢަލީ ޒައިދު ވިދާޅުވެފައިވަނީ ސްރީލަންކާ މިހާރު ވެއްޓިފައިވާ ނިކަމެތި ޙާލަތަށް ވައްޓާލި ކޮރަޕްޓް ވެރިންނަށް ފިލާނެ މަގު ދައްކައި މިހާ ނާޒުކު މައްސަލަގަނޑެއްގެ ތެރެއަށް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވައްޓާލަން ހެޔޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް ރާއްޖެ ވެއްދުމުން ލަންކާ ރައްޔިތުންތިބީ ރުޅިގަދަވެފައިކަމަށް ޢަލީ ޒައިދު ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ވެރިކަން ނުލިބުނީމާ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ހެވެއް ނޭދެނީތޯ؟" ޢަލީ ޒައިދު ސުވާލު އުފައްދަވާފައިވެއެވެ.

ބީބީސީ އިން ބުނީ ގޮޓާބަޔަ ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ރޭ މެންދަމުން އަލިވެ 3 ޖަހަން އުޅެނިކޮށް ކަމަށެވެ. އޭއެފްޕީން ބުނީ ލަންކާގެ ރައީސް ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ.

ރާއްޖޭގެ އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ވަނީ އެއާޕޯޓުން ބޭރަށް ގެންގޮސްފައި ކަމަށެވެ.

ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެންގައި ވަނީ ރިޕޯޓްކޮށްފައެވެ.

ގޮޓާބަޔަ މި ވަގުތު ރާއްޖޭގައި ހުންނެވި ތަނެއް އަދި ސާފެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު