އިދިކޮޅު ކޯލިޝަންގެ އިސް ލިޑަރުން
އިދިކޮޅު ކޯލިޝަންގެ އިސް ލިޑަރުން
ސްރީލަންކާގެ ދާޚިލީ މަސްރަހު ހޫނުވެފައިވާތީ މަޤާމުން އިސްތިޢުފާދެއްވަން ނިންމަވާފައިވާ އެޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްބުނެ އެކަން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ މިކަމުގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދަށް ބޭރުގެ އަސްކަރިއްޔާގެ ބޯޓަކަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާ ވެސް އެކު ކަމަށް ވާތީ، މިކަމުގައި ދާޚިލީ ވަޒީރު މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ޖަވާބުދާރީވުމަށް ގޮވާލަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.



ޕީޕީއެމްގެ ބަޔާނުގައި ވަނީ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ގޮވާލާފަ އެވެ. އަދި ލަންކާ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެ ގައުމުގެ ރައީސަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަގަންޖެހޭ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ބީބީސީ އިން ބުނީ ގޮޓާބަޔަ ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ރޭ މެންދަމުން އަލިވެ 3 ޖަހަން އުޅެނިކޮށް ކަމަށެވެ. އޭއެފްޕީން ބުނީ ލަންކާގެ ރައީސް ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ.

ގޮޓާބަޔަ މި ވަގުތު ރާއްޖޭގައި ހުންނެވި ތަނެއް އަދި ސާފެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު