އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލް ތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ސާކިއުލައިގައިވެއެވެ.

ސާކިއުލާގައި ބުނެފައިވަނީ ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

"ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭ އިންނެވެ. ނަމަވެސް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް، މި ސާކިއުލާއާ އެކު ހިމެނިފައިވާ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުން އެދެމެވެ." ސާކިއުލާގައި އަންގައިފައިވެއެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި މިދިޔަ މަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ނިއު ނޯމަލްގައި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށެވެ. އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކޮށްފަައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކި ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައިދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓެލެކިލާސްގެ ނަމުގައި ޓީވީ މެދުވެރިކޮށް ހިންގަންފެށި ކްލާސްތަކާއި އޮންލައިންކޮށް ކިޔަވައިދޭން ހިންގި ޕްރޮގްރާމްވެސް މާކާމިޔާބު ކަމާއެކު ހިންގި ފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން