ޢަދާލަތުޕާޓީ ވުޖޫދުގައި ނެތަސް ރާއްޖޭގައި އިސްލާމްދީން ދެމިއޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާއީ މި މޭރުމުން ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީއަށްވުރެ ބޮޑަށް އިސްލާމްދީނަށް ޚިދުމަތްކުރި ޕާޓީއެއް ރާއްޖެއަކު ނެތްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މެންބަރު ރާއީ ވިދާޅުވީ ޢަދާލަތު ޕާޓީގައިވެސް އޮތީ ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ކަމަށެވެ. ޢަދާލަތު ޕާޓީގެ އިސް ލީޑަރުންގެވެސް އިތުރު ނިޔަތެއް ނެތްކަން މާޒީންވެސް ހެކިވާކަމަށް ރާއީ ވިދާޅުވިއެވެ.

"މަނިކުފާނުގެ މާޒީ އެކަންކަމަށް ހެކިވެރިވާނެއެވެ، އިންޝާﷲ ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެއެވެ." ރާއީ ވިދާޅުވެފައިވެއެވެ.



އިމްރާންގެ ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އިމްރާނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީއަކީ ސަރުކާރުގެ ލާދީނީ ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ކަމަށެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އަދާލާތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު