މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޙައްޖު ސޫރަތުގެ 41 ވަނަ އާޔަތް ހިއްސާކުރައްވަމުން ޑރ.ޝަހީމް މިއަދު ވިދާޅުވީ ﷲ ވެރިކަމުގެ ބާރުތައް ދެއްވުމުން ނަމާދު ޤާއިމުކޮށް, ޒަކާތްނެރެ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދީ, ހެޔޮކަންކަމަށް އަމުރުކޮށް އެ ކަންކަން ބިންމަތީގައި ޤާއިމު ކުރުމަކީ އިސްލާމީ ދަޢުލަތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ނުބައިކަންކަން ނަހީކޮށް އެކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަކީ އިސްލާމީ ދައުލަތުގެ މަސްއޫލިއްޔަތެވެ." ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



މީގެ ކުރިން ޑރ. ޝަހީމް ވަނީ ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިޚު އާދަމް ނިޝާނާއި ޝައިޚު ފަޟްލޫނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާތީ އެ ދެ ޢިލްމުވެރިން މިނިވަންކުރަންވެސް ގޮވާލައްވާފައެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދަމުންދާ ލިވާތު ބާގައިގެ މީހުން ފިނި ކޮޓަރީގައި ބޭތިއްބުމަށްފަހު، ކުށެއް ސާބިތުނުވާ ދީނީ ޢިލްމުވެރިން "ވާނުވާގައި" ޖަލު ބަންދުގައި ބައިތިއްބަންޖެހޭ ޢަދުލުވެރި ހަމައެއް ނެތް ކަމަށެވެ.

ޑރ. ޝަހީމަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ އިދިކޮޅު ލީޑަރ ރައީސް ޔާމިން އަބްދުލްގައްޔޫމުގެ ރަނިންގ މޭޓުގެ ގޮތުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އަދި ޝަހީމަކީ ރައީސް ޔާމިންގެ ވެރިކަމުގައި ވަޒީރު ކަމާއި އެންމެ ފުރަތަމަ ގާއިމު ކުރި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސްލާ ކަންވެސް ކުރެއްވި ބޭފުޅާއެވެ.



ކިޔުންތެރިންގެ ހިޔާލު