އަޟުހާ ޢީދު ފާހަގަކުރުމުގެ ގޮތުން ތ. ކިނބިދޫގައި ބޭއްވި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށް އެ ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން އަމަލުކޮށްފައިވާތީ އެކަން ސްކައުޓު އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި އަދި ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށެވެ. އަދި އެ ޖަމްޢިއްޔާ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައާއި އަތޮޅު އަދި ގައުމީ ފެންވަރުގައި ޚިދުމަތްކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ ސްކައުޓު ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ އެކި އެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކަނި ބޭނުން ކުރުމަށް އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ހުއްދަކުރާ ތަކެތި ކަމަށެވެ. ސްކައުޓް އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނީފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެެއް ކަަމަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސްކައުޓް ޔުނީފޯމަށް ދެވޭ ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ޔުނީފޯމު ބޭނުންކުރުމަކީ ސްކައުޓް އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެކެވެ. އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.

އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން