ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޮމިއުނިޓީ ސްޕްރެޑް އޮތީ ކިހިނެއްތޯ ބަލަން އަންނަ ހަފްތާގައި ސާމްޕަލްތައް ނަގަން ފަށާނެ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން ނިއްމައިފައިވާ ކަމަށެވެ.

ލުއި ދިނުމަށް ފަހު ކޮމިއުނިޓީ ސްޕްރެޑް އޮތީ ކިހިނެއްތޯ ބަލަން އަންނަ ހަފްތާގައި ސާމްޕަލްތައް ނެގުމަށް ނިއްމައިފައިވާއިރު މި ސާމްޕަލްތައް ނަގާނީ ފަސް ކެޓަގަރީއެއްގެ މީހުންގެ ކަމަށް އަފްޒަލް ފާހަގަކުރެއްވިއެވެ. އެ ސާމްޕަލްތަކުން ޕީސީއާރް ޓެސްޓް ހަދައި ޕޮޒިޓިވް ވާ މީހުންނާ މެދު އަމަލުކުރާނީ މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ގޮތަށްކަން ހާމަކުރައްވަމުން އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އައިސޮލޭޓްކޮށްގެން ބެލެެހެއްޓުމާއި ބޮޑަށް އަލާމާތްތައް ފެންނަ، އަދި ހައި ރިސްކް މީހުން އިތުރަށް ގާތުން ބެލެހެއްޓުން ކަމަށެވެ.

"ޕޮޒިޓިވް ވާ ކޭސްތަކާ މެދު ކަންތައް ކުރެވޭ ފަދައިން ހަމަ އަޅުގަނޑުމެން އެބައި ކުރިއަށް ގެންދާނަން. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ހަމަ އެއާ ވިދިގެން ކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރިއަށް ގެންދާނެ." އަފްޒަލް ވިދާޅުވިއެވެ.

އެ މަސައްކަތުގައި ފާހަގަ ކުރާ ކްލަސްޓާތަކެއްގެ އިތުުރުން ރެންޑަމް ކޮށް ވެސް ސާމްޕަލް ނަގާނެ ކަން ފާހަގަކުރައްވަމުން އަފްޒަލް ވިދާޅުވީ އެކަމުގައި އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ލުއި ދިނުމުގެ ޕްލޭނާ އެކު ކުރިއަށް ދެވޭނީ މި ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ސާދަ ދުވަހަކުން ސާމްޕަލް ނަގަމުންދާނެ ކަމަށާއި، ސާމްޕަލްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ ކޯވިޑްގެ ހާލަތު ދެނެގަނެވޭ ކަމަށެވެ.

ރާއްޖެއިން މިހައިތަނަށް ކޯވިޑް-19 ޖެހުނު މީހުުންގެ އަދަދު 1942 އަރާފައިވާއިރު އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 1010 މީހަކު މިހާތަނަށް ރަނގަޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. މާލޭގެ ލޮކްޑައުން އަށް ލުއިދީފައިވާއިރު ،ބައެއް އެހެން ފިޔަވަޅުތަކަށް ވެސް ސަރުކާރުން ވަނީ ލުއިދީފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން