ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ
ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހު އެވެ.

ޖިންސީގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާއަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ސޮއިކުރަށްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި ދައުލަތުގެ މުއަސަސާތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ޓީޗަރު ބުނަމުން އަންނަނީ މި މައްސަލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލުމުން މައްސަލަ ވަނީ ފައިލްކޮށްފައި ކަމަށެވެ.

ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކާ، އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ވަނީ ބަލާފައެވެ.

މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެރަށުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. އަދި އެކަންކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ޝިކާރައަކަށްވި ކުޑަ ކުއްޖާވަނީ އެކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އާއިލާއާއި ހިއްސާ ކޮށްފައެވެ. އާއިލާއިން ބުނަމުންދަނީ އެވާހަކަތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގައި ޓީޗަރަކާއި ޒިންމާދާރު ބަޔަކު ބައިވެރިވާ ކަމަށް ކުއްޖާގެ ބެލެނިވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކާއި މީސް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. މިމައްސަލައިގައި ގިނަ ބަޔަކު ކަމާބެހޭ އިދާރާ ތަކަށް ފާޑުކިޔަމުންދާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މިމައްސަލައިގައި އަޑުއުފުލާ މުޒާހަރާވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު