އެންމެ ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށްވެސް އަނިޔާކުރުންކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޒާހިރު މިމޭރުމުން ވިދާޅުވެފައިމިވަނީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކޮށްފައިވާތީ ސަރުކާރަށާއި މިނިސްޓަރު އިމްރާނަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމާގުޅިގެން އިމްރާން ވިދާޅުވީ، އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ ކަމަށާއި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ބަންދު ކޮށްފައިވާ ދީނީ ޢިލްމުވެރިންގެ މައްސަލާގައި ޑރ.ޒާހިރު ވިދާޅުވީ‏ ޔޯގާއާ ދެކޮޅަށް އަޑުއުފުއްލެވި ދެ ޝައިޚުން ހަމަނުޖެހުމުގައި ބައިވެރިވެވަޑައިގެންފައި ނުވަނީސް, ރަޙުމްކުޑަ ގޮތަކަށް ހައްޔަރުކޮށްގެން ވާނުވާގައި ބައިތިއްބުން ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ދީނީ ކަމެއްގައި ޙައްޤަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް." ޢަލީ ޒާހިރު ވިދާޅުވިއެވެ.



ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާއި އައްޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށް އެދެބޭފުޅުންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް ބާތިލްކޮށް ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާތީ ދީނީ އިލްމްވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު