މުސާރަ ބޮޑުކުރާ ތާރީޚު ނުލިބޭތީ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަނުން މިއަދު އިޙްތިޖާޖްކޮށްފިއެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތްތައް ލަސްވާތީ މުސާރައިގެ މައްސަލައަށް ޙައްލެއް ލިބޭނެ ތާރީޚެއް ހޯދުމަށް ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަނުން މިއަދު ވަނީ ދަޢުލަތުގެ މާލީ ވުޒާރާގެ ދޮރުމަތީގައި ހިމޭން އިޙްތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ.

މި އިޙްތިޖާޖްގައި ބުނެފައިވަނީ މިހާރުވެސް މާލަސްވެއްޖެ ކަމަށާއި ސިއްޙީދާއިރާގެ މުސާރައަށް ބަދަލު އަންނާނެ ސީދާ ތާރީޚެއް ދިނުމަށެވެ. އަދި ތަކެތީގެ އަގުތައް މައްޗަށްދާއިރު މުސާރަ ބޮޑުނުވުމަކީ ކަންބޮޑުވުމެއްކަމަށް އިޙްތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.

"ހެލްތް ސެކްޓަރ މަސައްކަތްތެރިން ވަޒީފާގެ ކުރިއެރުން ނުލިބި 20 އަހަރު!" މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަނުން ބުނެފައިވެއެވެ.



ދަޢުލަތުގެ މާލީ ވުޒާރާއިން މީގެކުރިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުން ކަމަށެވެ. މާލީ ވުޒާރާއިން ބުނީ އެމަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެކަމަށެވެ.

ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން "ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ނުނިމޭނެކަމަށާއި، އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން އެމަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެކަމުގެ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ.

ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް ތަޢުލީމީ ދާއިރާގެ އިތުރުން ޞިއްޙީ ދާއިރާއާ އެނޫންވެސް ދާއިރާތަކުގެ މުސާރަތަކަށް ބަދަލު އަންނާނެކަން ވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު