ވަކި ރަށަކަށް ނިސްބަތްވީތީ ހައްގުތައް ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުގެ މައްސަލައިގެ ބަހުސްގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ޢަލީ ވިދާޅުވީ، އެމީހަކު އުފަންވާ ރަށަކީ އަދި އެމީހެއްގެ މައިންބަފައިންނާއިއެކު ފުރަތަމަ ރަޖިސްޓްރީ ކުރެވޭ ތަނަކީ އެ މީހަކު އަމިއްލައަށް ކަނޑައަޅާ އިހުތިޔާރުކޮށް ނިންމާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މީހަކު ވަކި ރަށަކަށް ނިސްބަތްވީތީ ހައްގުތައް ލިބިދިނުމުގައި ތަފާތުކޮށް ބާކީކޮށްގެން ނުވާނެ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.



މާލޭ ރައްޔިތުންނަށް ހިލޭ ގޯތިދޭ ވާހަކަ ކޮންމެ ބަޔަކު ދެއްކި ނަމަވެސް އެކަމާ ދެކޮޅަށް ތެދުވެ ރައްދު ދެއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަލީ ޙުސައިންގެ މި ވާހަކަ އަމާޒު ކުރައްވާފައިވަނީ އެ މައްސަލައާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. އޭނާ މީގެ ކުރިން ވެސް މިކަމުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދު ކޮށްގެން ހިއްކާ އެއްވެސް ބިމެއް ވަކިބަޔަކަށް ހިލޭދީ، ހަމައެފަދަ ޙާލަތުގައި ތިބި އެހެން ރައްޔިތުން އެކަމުން މަޙްރޫމްކޮށް ތަފާތުކުތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ބޮޑުވެގެންވާ ބޭއިންސާފެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ އަލީ ހުސައިން މިގޮތަށް ވިދާޅުވާއިރު ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިއްކާ އަތޮޅުތަކުގެ އެއްވެސް ރަށެއްގެ ބިމުން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރޭތޯ ވިދާޅުވެ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވައުދާ އެއްގޮތަށް މާލޭ ރައްޔިތުންނަށް ހިލޭ ދޫކުރާ 3000 ގޯއްޗަށް އެދުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލާފައެވެ. އަދި މިހާރު ވެސް 5000 އަށްވުރެ ގިނަ މީހުން އެ ގޯތިތަކަށް ކުރިމަތިލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު