ސަރުކާރުގެ މަގުހަދާ ކުންފުނި އާރުޑީސީން އެމެރިކާ ޑޮލަރު ގަންނަން އިޢުލާނު ކުރީ އޮޅިގެން ނޫންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ހޯދަން އިއުލާނު ކުރެވުނީ ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ ތެރޭގައި ކުރި މުއާމަލާތްތަކުގައި އެރި އޮޅުމަކުންކަމަށް ބައެއްމީޑިއާތަކުން އިއްޔެވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އާރުޑީސީން ރޭ ބުނެފައިވަނީ އެމެރިކާ ޑޮލަރު ގަންނަން ކުރި އިއުލާނާއި ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވީ ޑޮލަރު ހޯދުމަށް އިޢުލާނު ކުރުމާއި އިއުލާނު ބާތިލު ކުރުމުގައިވެސް އެއްވެސް އޮޅުމެއް ނެތްކަމަށެވެ. އަދި އެ މައްސަލާގައި އާރުޑީސީންވެސް މިހާރުވަނީ ކަންހިނގާދިޔަގޮތް ސާފުކޮށްދިނުމަށް ނޫސްބަޔާނެއްވެސް ނެރެފައެވެ.

"ތިޔަ ހީކުރެއްވި ގޮތަކަށް ނޫން. އޮޅިގެންވެސް އެއްވެސް އޮޅުމެއް ނެތް." މޫކޭ ވިދާޅުވެފައިވެއެވެ.



އެކަމާ ގުޅިގެން ރޭ އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޑޮލަރު ގަންނަން ކުރި އިއުލާން ބާތިލުކުރީ ފިނޭންސް މިނިސްޓްރީން އާރްޑީސީއަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމުން ކަމަށެވެ.

"އިއުލާން ބާތިލުކޮށްފައި ވަނީ މިނިސްޓްރީން ނުވަތަ އެހެން ފަރާތްތަކުންވެސް އެކަން ކުރުމަށް މި ކޯޕަރޭޝަނަށް އެންގުމުން ނޫން ކަމަށާއި މި ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު މިނިސްޓްރީ އޮފް ފިނޭންސުން ހަމަޖެހުމުން އެހެން ފަރާތަކުން އިތުރު ޑޮލަރު ގަތުމުގެ ބޭނުން ނެތުމުގެ ސަބަބުން ކަމުގައި ދެންނެވީމެވެ." ބަޔާނުގައިވެއެވެ.

އާރުޑީސީން ޑޮލަރުހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ހޯދުން ފިނޭންސް މިނިސްޓްރީން ވަނީ ހުއްޓުވައިފައެވެ. އަދި އެމްއެމްއޭ މެދުވެރިކޮށް ކުންފުނިތަކަށް ޑޮލަރު ހޯދުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން