ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކީ މުޅިރައްޔިތުންގެ ވިސްނުން ނޫންކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ.

އޮޑިޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ޒަރިޔަންދު މިމޭރުމުން ވިދާޅުވެފައިވަނީ މިސަރުކާރަށް ރައްޔިތުންގެ ތާޢީދުއޮތް މިންވަރާމެދު ޚިޔާލުފާޅުކުރަށްވަމުންނެވެ. ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އިޝާރާތް ކުރަށްވަމުން ޒަރިޔަންދު ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބަކީ މުޅިރައްޔިތުންގެ ވިސްނުން އަންގައިދޭ މީޓަރު ނޫން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ރައްޔިތުންގެ ޙަޤީޤީ ތާޢީދާއި ރައްޔިތުން އެދޭގޮތް ހާމަވާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ރުހުން އޮތް މިންވަރު ބަލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ރުހުމަކީ ކޮރަޕްޝަން ހިންގާނަމަ ލިބޭނެ އެއްޗެއް ނޫންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

"އަސްލު ހާމަވާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ރުހުން އޮތްގޮތަކުން. ރައްޔިތުންގެ މުދަލުން ކޮރަޕްޝަނާއި ވައްކަން ހިންގާނަމަ ރުހުމެއް ނުލިބޭނެ." ޒަރިޔަންދު ވިދާޅުވެފައިވެއެވެ.



މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ޒަރިޔަންދު މީގެ ކުރިންވަނީ ކޯވިޑްގެ ޙާލަތުގައި ސަރުކާރުން ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި 31 މިލިއަން ރުފިޔާ ހޯދުމަށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

އެގޮތުން "ބޭރުގެ ދަމާކަނޑާ ކުންފުންޏެއް" ގޮވައިގެން އާބިޓްރޭޝަނަށް ދިއުމަކީ ސަރުކާރުން ވެންޓިލޭޓަރުތަކުގެ އަސްލު ވައްކަން ނުބަލާ ބަހަނާ ދެއްކުމަށް ކުރާ ކަމެއްކަމަށް ޒަރިޔަންދު ވަނީ ތުހުމަތު ކުރަށްވާފައެވެ.

ދާދިފަހުން އޭސީސީއަށް މެންބަރުން ހޮވުމުގައި ރައީސްއޮފީހުން ޒަރިޔަންދުގެ ނަންފުޅު މަޖިލީހަށް ނުފޮނުވުމުން ޒަރިޔަންދުވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. އެމައްސަލަ ޒަރިޔަންދު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ހުށައެޅުއްވިއެވެ. އޭގެ ފަހުން ޒަރިޔަންދުގެ މިފަދަ ފާޑުކިއުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުން ދާކަން ވަނީ ފާހަގަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު