ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ދިވެހި ސަރުކާރުން މިއަދު ގޮވާލައިފިއެވެ.

ދިވެހި ސަރުކާރުން މިކަމަށް ގޮވާލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ދެއްކެވި ވާހަކައިގައި އިސްރާއީލުން ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަމުގައި ވިދާޅުވިއެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ އެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތި ވެގެންދާނެކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އިސްރާއީލުގެ އެ އަމަލަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫނުތަކާ ޚިލާފް ކަމެއްކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމަށް ހެދުންކަން ފާހަގަކުރައްވައި، ރާއްޖެއިން ދެކޭ ގޮތް މިނިސްޓަރު ޝާހިދު ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި، އެކަން ހާސިލްކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަ ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން