އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
އެއްވެސް ރައްޔިތަކު ހޯމް ކަރަންޓީނާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެެއްޖެއެވެ.

މާލޭ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރާ މުއްދަތަކީ 24 ދުވަސް ކަމަށް ކަނޑައަޅައި ރަށްރަށުގައި މީހުން ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް އެޗްޕީއޭ އިން އެކުލަވާލައި އެ އުސޫލަށް މިހާރު ވަނީ އަމަލު ކުރަން ފަށާފަައެވެ. އެ އުސޫލުގެ ދަށުން މިހާރުވެސް ވަނީ ގިނަ ބަޔަކު ހޯމް ކަރަންޓީނަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން ބައެއް ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ޑރ.އިބުރާހިމް ދީދީ ވިދާޅުވީ ހޯމް ކަރަންޓީނާއި މެދު އެއްވެސް ރައްޔިތަކު ކަންބޮޑުވާން ނުޖެހޭ ކަމަށާއި، ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވާނީ، ކޯވިޑް-19 އަށް ޓެސްޓް ކޮށް ނެގެޓިވްވާ މީހުން އެކަނި ކަމަށެވެ.

ޑރ.ޑީޑީ މިހެން ވިދާޅުވެފައިވާއިރު އެޗްޕީއޭ އިން އާންމުކުރި އުސޫލުގައިވެސް ބުނެފައިވަނީ ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުން އެކަނި ކަމަށެވެ. ކަރަންޓީނުވުމަށް އެދޭ ގޭގައި، އުމުރުން 60 އަހަރުން މަތީގެ މީހަކު، މާބަނޑު މީހަކު ނުވަތަ ކިޑްނީގެ ބަލިތައް އަދި ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހަކު ދިރިއުޅޭ ގެއަކަށްވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ.

ކަރަންޓީނު ކުރާ މީހުން ބަހައްޓަން ޖެހޭނީ އެހެން މީހުންނާ ވަކިން، ވަކި ކޮޓަރިއެއްގައި ކަމަށް އުސޫލުގައިވެއެވެ. ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދު ކުރިއިރު އެކި ބޭނުން ތަކުގައި މާލެއައިސް ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ތާށިވެފައި ތިބިއިރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށްރަށަށް ދިރިއުޅުން ބަދަލު ކުރުމަށް ބޭނުންވެފައި ތިބި ގިނަ ބަޔަކުވެސް ރަށްރަށަށް ދިއުމަށް ނަންނޯޓުކޮށްފައިވާކަމަށް ރަސްމީ ފަރާތްތަކުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން