މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް
ދިވެހިން އެދޭ އުންމީދީ ރާއްޖެ ބިނާކޮށްދޭން ތައްޔާރަށް ހުންނެވިކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ ތަހްނިޔާ އާއި މުބާރަކްބާދީ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ކާނަލް ރިޓަޔަރޑް ނާޒިމް މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރިގެން ދާއިރު ދިވެހިންނަށްވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުންއައި އިސްލާމީ ރިވެތި އުސޫލުތަކާއި މިންގަނޑުން ނެއްޓި، ގައުމުގެ އަޚްލާޤީ ފޭރާން ވީދި ހަލާކުވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އިސްލާމީ ޝިއާރު އާލާކޮށް، އިސްލާމީ ވަހުދަތު ނަގަހައްޓާ، ހިފަހައްޓާނެ ބަޔަކަށް މި ގައުމު ބޭނުންވެފައިވާ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ ބާރުކެނޑިފައިވާ ކަމަށާއި ދިވެހިން ވަކާލާތު ކުރަމުންއައި އެތައް ޙައްޤުތަކެއްގައި މިއަދުވަނީ ހިލިހިލާ ޖެހިފައިކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ބަދަލުކުރެއްވުމަށް ކެރިގެން ކުރިމަތިލެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކާނަލް ނާޒިމް މިއަދުވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާ، އިސްތިގްލާލާ، މާތްވެގެންވާ އިސްލާމްދީންގެ މަތިވެރި އުސޫލްތައް ނަގަހައްޓާ ދިވެހިންނަށް ހިދުމަތް ދިނުމުގައި ހަމަ ހަމަކަން ގާއިމްކޮށްދީ، ދިވެހިން އެދޭ، އުންމީދީ ދިވެހި ރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑު މިހިރީ ކެރިގެން ކުރިމަތި ލާން." މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއަށް އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ކާނަލް ނާޒިމް ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް އިތުރުވެ އިސްރާފް ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަން ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުމަކީ ހަމައެކަނި ހައްލުކަމަށް ޤަބޫލުނުކުރަށްވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކޮވިޑް19 އަށްފަހު ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިޞާދު ހީނަރުވެ އޭގެ އަނދިރިކަންވެސް މިވަނީ ދިވެހިންގެ ހިތްތަކަށް ވެރިވެފައި ކަމަށާއި، ހަނގުރާމައިގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އާންމު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށްދާކަން ނާޒިމް މިއަދު ފާހަގަކުރެއްވިއެވެ.

ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާމެދު އެތައްބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފައި ކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމް.އެން.ޕީގެ ވެރިކަމެއްގައި، ދިވެހިންގެ މިނިވަންކަމަށް ބުރޫ އަރާފާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ދިވެހިންގެ ފަސްގަޑުން އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމުގެ ޔަގީން އަރުވާކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު