މި އަހަރުގެ ދެވަނަ ކުއާޓަރގައި "ދިިވެހިންގެ ބޭންކަށް" ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ރައްޔިތުންނަށް ދޫކޮށްފައިވާ ކާޑުތަކުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާތީ ގިނަ ބައެއްގެ ފާޑުކިއުން އެބޭންކަށް އަމާޒުވާން ފަށައިފިއެވެ.

އިޤްތިޞާދީގޮތުން ދިވެހި ރައްޔިތުން ނިކަމެތި ޙާލަތެއްގައި ވަނިކޮށް "ދިވެހިންގެ ބޭންކް" ކަމަށްބުނާ ބީއެމްއެލުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ވަނީ ހޯދާފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޭންކަށް ބޮޑު ފައިދާއެއް ވަމުންދިޔަ ނަމަވެސް ރައްޔިތުން ބުރަ މަސައްކަތްކޮށްގެން އަމިއްލަ އެކައުންޓުގައި ރައްކާކޮށްފައިވާ ފައިސާކޮޅު ބޭނުންކުރުމަށް ބޭންކުން ކުރިމަތި ކުރަމުންދާ ފިއްތުންތަކެވެ.

އެގޮތުން ކަންބޮޑުވުން ފާޅުކުރި އެކަކު ބުނެފައިވަނީ މާސިންގާ ފައިދާއެއް ބީއެމްއެލުން ހޯދިނަމަވެސް ރައްޔިތުންނަށް ދޫކޮށްފައިވާ ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ނުވަތަ އެކައުންޓުން ކާޑު ބޭނުން ކޮށްގެން ޑޮލަރުން މުއާމަލާތު ކުރެވޭ ލިމިޓަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން މިހާރުވެސް އަމިއްލަ ބުރަމަސައްކަތުން ރައްކާކޮށްފައިވާ ޑޮލަރުކޮޅު މަހަކު ނެގޭ މިންވަރު ލިމިޓްކޮށްފައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ނައުމުގެ އިތުރުން ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރުގައި އެޅުވި ކޮންޓްރޯލް ބޯޑަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމުގެ ޝަކުވާ ގިނަބަޔަކު ކޮށްފައި ވެއެވެ. މިދެންނެވި ބޭންކުގެ ކާޑުން މުޅި މަހުގެ ތެރޭގައި ކުރެވެނީ 250 ޑޮލަރުގެ މުއާމަލާތެވެ.

ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތަކުގައި ދިވެހި ފައިސާ ޑޮލަރަށް ބަދަލު ކުރުމުގައި ނޫނީ އެކްޗޭންޖު ރޭޓު ބޭންކުން ބޭނުންވާ ރޭޓެއްގައި ބަދަލު ކުރި ނަމަވެސް ދިވެހީންނަށް ބޭންކުން ދޫކޮށްފައިވާ ކާޑު ތަކުން ރާއްޖެއިން ބޭރުން ވިޔަފާރިކޮށްލައި އެކި ޚިދުމަތް ތަކަށް ފައިސާ ދައްކާލެވޭނެ ފަސޭހަ ގޮތެއް މިތަހުޒީބީ ޒަމާނުގައި ގައުމީ ބޭންކުން ފަހި ނުކޮށްދީ ރައްޔިތުންގެ އަތުން ބޮޑު ފައިދާއެއް ނަގައިގެން ބޭންކުގެ ފައިދާ އިތުރު ކުރުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ.



"ދިވެހިންގެ ބޭންކުން" އަހަރަކަށްވުރެ އަހަރެއް ފައިދާގެ ގޮތުން ނެރޭ ޢަދަދުތައް "ގުނަކޮށް" އިތުރުވަމުން އައިނަމަވެސް އެކަމުގެ އެނގުން ރައްޔިތުންނަށް ނުވުމަކީ ރައްޔިތުންގެ އަބަދުގެ "ބޮލުރިހުމެކެވެ." ނަމަވެސް ފައިދާއާއި އެއްވަރުގެ ލުއިކަމެއް ރައްޔިތުންގެ ބޮލުރިހުމަށް ގެނެސްދިނުމުގެ ވިސްނުމެއް ބޭންކުން ގެންގުޅޭކަމުގެ ކުލަ މަންޒަރެއް އަދި ފެންނަމުންނެއް ނުދެއެވެ.

ކޯވިޑް-19ގެ ޚާއްސަ ޙާލަތާ ގުޅިގެން ކަމަށްބުނެ ރައްޔިތުންގެ ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ލިމިޓްކުރުމަށްފަހު ބީއެމްއެލުން މިދަނީ އެތައް ސަތޭކަ މިލިއަނުން ފައިދާނެރެމުންނެވެ. އެހެންކަމުން "ދިވެހިންގެ ބޭންކަށް" އަދިވެސް ވެންޓިލޭޓަރުން އަރައިނުގަނެވެނީތޯ ރައްޔިތުންދަނީ މީސްމީޑިއާގައި ސުވާލު އުފައްދަމުންނެވެ. އަދި 250 ގެ ލިމިޓް ބޮޑުވާނީ ބޭންކަށާއި ބޭންކުގެ ބޯޑުގެ ބޮޑުންގެ ޖީބުތަކަށް ކިހާވަރެއް ވަދެގެންތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން