ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު
ޝަރުޢީ އުސޫލުތަކަށް ރާއްޖޭގެ ޢިލްމުވެރިންނަށް އެއްބަސްނުވެވެނީ ކީއްވެގެންތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު ދީނީ ޢިލްމުވެރިންނަށް ސުވާލެއް ކުރިމަތިކުރަށްވައިފިއެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ބުނެ އެއީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ބައެއް އިލްމްވެރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

ޔޯގާ މައްސަލާގައި ދީނީ އިލްމްވެރިންގެ މެދުގައި ބަހުސް އުފެދިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކާ ޙަވާލާދީ ޙުކުމް ނެރުއްވުމުގައި ރާއްޖޭގެ ޢިލްމުވެރިންނަށް އެއްބަސްވުމަކަށް ނާދެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވާ ސަބަބަކާމެދު ރީކޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.



މިކަމުގައި ރައީސް ނަޝީދު ވެސް ވަނީ ހިޔާލު ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވެސް ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަބޭކަލުންގެ އިޖުމާޢެއް ނެތްކަމަށެވެ. ނަމަވެސް ކަސްރަތެއްގެ ގޮތުގައި ކުރަމުން އަންނަ ޔޯގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ޢިލްމުވެރިން މިއަދު ބުނެފައިވެއެވެ.

ޔޯގާގެ މައްސަލައިގައި ބަހުސް ހޫނުވެފައި މިވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތައް ބަޔަކު ހުރަސްއަޅައި ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު