މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފިއެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭހެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުނަށް ޙަމަލާދީފައެވެ. އަދި އެމީހުންވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.

އެ މައްސަލައިގެ އެންމެފަހުގެ އަޕްޑޭޓް ޙިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ޔޯގާދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެމީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

"ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުންދާއިރު އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން، ޝައިޚް ފަޝުލޫނާއި ޝައިޚް ނިޝާން ހިމެނެއެވެ.

އޭގެތެރެއިން ބައެއްމީހުން މިހާރުވަނީ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިޔާ ފަޟުލޫން ހިމެނެއެވެ. އެހެންނަމަވެސް ޝައިޚް ނިޝާން އަދިވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.



ކިޔުންތެރިންގެ ހިޔާލު