ރައީސުލްޖުުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުުމްހޫރިއްޔާގެ އޮފީސް
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އިދާރާތައް ހުޅުވަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިހިނގާ ޖޫން މަހުގެ 14 އިން 18 އަށް ސަރުކާރު އޮފީސްތައް ހުޅުވަން ހަމަޖައްސާފައިވާކަން ހާމަކޮށް ނެރުނު ބަޔާނުގައި ރައީސް އޮފީހުން ބުނީ އެ މުއްދަތުގެ ތެރޭގައި އާދީއްތަ ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ހުޅުވަން ޖެހޭ ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމަށް އަންގަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިއެވެ. އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެ އޮފީހަކުން ހުށައެޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ކޮށް ދެމުން ގެންދިއުމަށް ވެސް ރައީސް ސޯލިހު ވަނީ ސަރުކާރު އޮފީސްތަކަށް އަންގަވައިފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ހާލަތަށް ގެނެސްފައިވީ ނަމަވެސް އެޗްޕީއޭގެ ލަފަޔާއި އިރުޝާދުގެ ދަށުން ލޮކްޑައުންއަށް ލުއިތައް ދެމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން