މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް
ބޭކާރު ގާނޫނު ހަދައިގެން ދަޢުލަތަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައިމަހު ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ނުބައި ތާރީހެއް ޖެހިފައި އޮތުމުގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓި ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އެގޮތުން އެ ގާނޫނުގެ 34 ވަނަ މާއްދާގައި ވަނީ ގްރީން ޓެކްސް ނަގާނީ 1 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް މިދިޔަ ޖުލައިމަހު ގެނައި އިސްލާޙާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ބޭކާރު ގާނޫނު ހަދައިގެން ދަޢުލަތަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށެވެ. މިއީ އޮޅިގެން ކުރެވޭނެ ކަމެއްނޫން ކަމަށާއި ޤާނޫނު ތަންފީޒު ކުރުމުގެ ކުރިން ބަންޑާރަނާއިބާއި މާލީ ވަޒީރު އެކަމުގައި ރައީސަށް ލަފާއަރުވަން ޖެހޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިއީ އޮޅިގެން ކުރެވޭނެ ކަމެއްނޫން. ދައުލަތުގެ ބަންޑާރަ ނައިބު ހުއްދަ ދީގެން ސޮއިކުރީ. ގާނޫނެއްގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނަމަ އެގާނޫނެއް ފާސްކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރު ލަފާދޭން ޖެހޭނެ." ޝަރީފް ވިދާޅުވެފައިވެއެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ ޤާނޫނުގައި ނެތް ކަމެއް މީރާއަށް ތަންފީޒު ނުކުރެވޭނެ ކަމަށާއި އެ މާއްދާ މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ މީރާއަށް މި ވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އިސްލާހު ކުރަން އާ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން އަންނަނީ މަަސައްކަތްކުރަމުންނެވެ.

ގްރީން ޓެކްސް ނެގުމާ ގުޅޭ މާއްދާއަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ރަށްރަށުގައި ހުންނަ ސިޓީ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންވެސް ގްރީން ޓެކްސް ނެގޭ ގޮތަށް ހެދުމަށެވެ. ނަމަވެސް އެކަމުގެ ތެރެއިން އޮޅުމަކުން ދިމާވި ކަމެއްގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީން 200 މިލިއަނާއި 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ގެއްލުމުގެ ފުރުސަތު މިހާރު އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން