މާލެ ލޮކްޑައުންގައި؛ އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ވަރަށް ބޮޑު ލުއިތަކެއް ދޭން ވަނީ ނިންމާފައި
މާލެ ލޮކްޑައުންގައި؛ އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ވަރަށް ބޮޑު ލުއިތަކެއް ދޭން ވަނީ ނިންމާފައި
އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅުމަށް ހުއްދަކޮށް މާލެސިޓީގެ ފުރަބަންދު ނިމުމަކަށް ގެނަސް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސް ކޮންފަރެންސްގައި އެޗްޕީއޭ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކިވަގުތުތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށެވެ. އެއީ ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6:00 އިން 9:00 އާއި ދެމެދު އެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4:00 އިން 6:00 އަށެވެ. އެ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާގޮތަށް ހަމަޖެހިފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5:00 އިން ހެނދުނު 8:00 އަށް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް ވެސް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ.

އެޗްޕީއޭ އިން ބުނީ ހޯމަ ދުވަހުން ފެށިގެން ބޭރުތެރޭގައި އެއްފަހަރާ ގުރޫޕް ހަދައިގެން އުޅެވޭނީ ތިން މީހުންނަށް ކަމަށެވެ. މި ލުޔާއެކު، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ރޭގަނޑު 11:00 އާއި ހަމައަށް ކެފޭ/ ރެސްޓޯރަންޓުތަކުން ޑެލިވަރީ/ޓޭކްއަވޭގެ ޚިދުމަތް ލިބޭއިރު ރޭގަނޑު 10:00 ގެ ފަހުން ޑެލިވަރީ ކުރެވޭނީ މިހާރު ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު، މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެޗްޕީއޭ އިން ބުނެފައިވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ދުވަހެއް އެ އިދާރާގެ މަޝްވަރާއާ އެކު، އިސްލާމިކް މިނިސްޓްރީން ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.

މީގެ އިތުރުން ޖުލަައި މަހުގެ ތެރޭގައި ދޭނެ ލުއިތައް ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން އެއްފަހަރާ މަގުމަތީގައި އުޅެވޭނީ ގިނަވެގެން 10 މީހުންނަށެވެ. ޖޫން މަހު އެގޮތަށް އުޅުމުގެ ހުއްދަ އޮތީ ތިން މީހުންނަށެވެ.

މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ޓޫރިޒަމާއި މާލެ ސަރަހައްދުގެ މިސްކިތްތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ކަމާ ބެހޭ އިދާރާގެ ލަފައާ އެއްގޮތަށް ހުޅުވައިލާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މީގެއިތުރުން ޖިމްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތަށް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން