ޣައްސާން މައުމޫން
ޣައްސާން މައުމޫން
ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ފުލުހަށް ހާޒިރުކުރަނީ ފުލެޓު މައްސަލައިގެ ސަމާލުކަން އަނބުރައިލަން ކަމަށް ގުރައިދޫ ދާއިރާ މެމްބަރު އަދި އެޕާޓީގެ ނާއިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ނޫމަޑި މައްސަލައިގައި ޑރ.މުޢިއްޒު މިރޭ 8.15 އަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފުލުހުންވަނީ އޭނާ އަށް އަންގާފައެވެ. އެކަމާ ގުޅޭ ގޮތުން މުޢިއްޒު ވިދާޅުވީ މިރޭ އެގަޑިއަށް އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ. 

ޑރ.މުޢިއްޒު ފުލުހަށް ހާޒިރުކުރާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޣައްސާނު ވިދާޅުވީ ޑރ.މުޢިއްޒު ފުލުހަށް ހާޒިރުކުރަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ދިވެހި ރައްޔިތުންނަށްޓަކައި ބިނާކުރެއްވި ފުލެޓުތައް ނުދެވި ލަސްވާ މައްސަލައިން ރައްޔިތުންގެ ފޯކަސް، ސަމާލުކަން އަނބުރައިލުމަށް ކަމަށެވެ. އަދި އެމަޤުޞަދު ހާސިލް ކުރުމަށް ޑރ.މުޢިއްޒު ފުލުހަށް ގެންދެވިދާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

"ރައީސް ޔާމިންގެ ސަޕޯޓަކަށް ޑރ.މުއިއްޒުގެ އަދި ޕީޕިއެމްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ." ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު ވިދާޅުވިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލާގައި މުއިއްޒު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލާފައިވާއިރު އެމައްސަލައިގައި މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އަދި ކޮމިޓީއަށް މުއިއްޒު ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް މަޖިލީހުން ފުލުހަށް ފޮނުވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން