ވ. އާރަށުގެ މައްސަލާގައި ހެކިންނަށް ބިރުދައްކާތީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްސަލަ ފުލުހުންނަށާއި ޕީޖީއަށް ހުށައަޅައިފިއެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއަށާއި ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމަށް ހުށައަޅާފައިވަނީ މޯލްޑިވްސް ލީގަލް ބިއުރޯގެ ފަރާތުންނެވެ. އެބިއުރޯއިން ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ވ. އާރަށު މައްސަލައިގައި ހެކިންގެ ހެއްކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ގެންދަވަނީ، އެކި ގޮތްގޮތަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެގޮތުން އިނގިރޭސި ވިލާތުގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މީހުންގެ އެސައިލަމް ކެންސަލް ކުރުމަށް މަސައްކަތް ކުރައްވާކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. އާރަށު މައްސަލާގައި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅޭ މުޙައްމަދު ޙުސައިން (އޮއިއްޓޭ) ވަނީ ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައެވެ. އެފަހުން އޭނާ އިނގިރޭސިވިލާތުގެ ޤާނޫނާ ޚިލާފުވީކަމަށްބުނާ މައްސަލަތަކެއް އެޤައުމުގެ ރަސްމީ އިދާރާތަކަށް ވަނީ ހުށައަޅާފައެވެ.

އާރަށުގެ މައްސަލައިގައި ހެކިބަސްދޭ ފަރާތްތަކަށް، ރައީސް ޔާމީންގެ ފަރާތުން ނުފޫޒުތަކެއް ފޯރަމުންދާކަމަށް ފާހަގަކޮށް، ޕީޖީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުން، ހެކިންނަަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމަކީ، ދައުވާ ލިބޭ ފަރާތް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ކަމަށެވެ. އެެހެންކަމުން ރައީސް ޔާމީނާއިމެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެ ސިޓިގައި އެދިފައިވެއެވެ.



މޯލްޑިވްސް ލީގަލް ބިއުރޯގެ ފަރާތުން ފުލުހުންނަށާއި ޕީޖީއަށް މި މައްސަލަ ހުށައެޅުއްވީ ސިވިލްކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމެވެ.

ރައީސް ޔާމީނު ހެކިންނަށް ބިރު ދައްކާ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާއިރު ވ. އާރަށުގެ މައްސަލައިގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް 15 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 9:30 އަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. އަދި ރައީސް ޔާމީނު މިރޭ ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު